ފެންޑާ
ހަށިގަނޑުގައިވާ އެންމެ ބާރުގަދަ ގުނަވަނަކީ ކޮބާ؟

ހަށިގަނޑުގައިވާ ގުނަވަންތަކުގެ ތެރެއިން އެންމެ ބާރުގަދަ ގުނަވަނަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ، ތަފާތު ގުނަވަންތަކުގެ ނަން އައުމަކީ އެކަށީގެންވެއެވެ.

ހަށިގަނޑުގައި ﷲތަޢާލާ ލައްވާފައިވާ ކަށިނެތް މަސްކޮޅެއްގެ ގޮތުގައިވާ ގުނަވަނެއް ވެއެވެ. މިއީ ކަށިނެތް މަސްކޮޅެއް ނަމަވެސް، މުޅި އިންސާނެއްގެ ދިރިއުޅުން ސުންނާފަތި ކޮށްލުމުގެ ބާރު ލިބުމުގެ އިތުރުން އިންސާނާގެ އެންމެ އަގުބޮޑު ގުނަވަން ކަމުގައިވާ ހިތް ޒަޚަމްކޮށް ކުދިކުދިކޮށްލުމުގެ ބާރު އެއަށް ލިިބިގެންވެއެވެ.

މި ގުނަވަން ނުވަތަ މިހަތިޔާރުގެ ބޭނުން ރަނގަޅުގޮތުގައި ހިފައިފި އިންސާނަކަށް ދެދުނިޔޭގެ ކާމިޔާބު ހާޞިލްވީއެވެ. ހަމަ އެހެންމެ މިގުނަވަނުގެ ބޭނުން ނުބައިގޮތުގައި ހިފައިފި މީހަކު މަގުފުރެދި ހަލާކުގެ ތެރެއަށް ވެއްޓިގެން ހިގައިދާނެއެވެ. އެއީ ދެވަނަ އެއްޗެއް ނޫނެވެ. އަހަރަމެން ބަސްމޮށި ވާހަކަ ދައްކަން ބޭނުންކުރާ ދުލެވެ.

މިގޮތުން ދުލުގެ ނިއުމަތަކީ ވަރަށް ބޮޑު ނިއުމަތެކެވެ. މާތްﷲ ހަނދުމަކޮށް ޒިކުރު ކުރުމަކީ ދުލުން ކުރެވޭ ވަރަށް މަތިވެރި އަޅުކަމެކެވެ. ތިމާ ބުނަން ބޭނުންވާ ކޮންމެ އެއްޗެއް ނުބެނެވޭ، ވާހަކަ ދެއްކުމުގެ ނިއުމަތުން މަހުރޫމު ވެފައިވާ އެތައް ބަޔަކު މިދުނިޔޭގައި އެބަ އުޅެއެވެ.

އެހެން ކަމުން އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިއުމަތްތަކުގެ ތެރޭގައި ދުލުގެ ނިއުމަތް ހިމެނެއެވެ. ދުލަކީ އެހާމެ ވަރުގަދަ ހަތިޔާރެއްވެސް މެއެވެ. ދުލުން ބުނެލެވޭ ބަހެއް ބައެއް ފަަހަރު ތޫނު ހަތިޔާރަކަށް ވުރެވެސް ވަރުގަދައެވެ. އެހެން ކަމުން ދުލުގެ ނިއުމަތް ބޭނުން ކުރަން ޖެހޭނީ ވިސްނުންތެރިކަމާއެކުގައެވެ. އެ ދުލުން ހެޔޮ ބަހެއް ނޫނީ ނުބުމަށް އަޒުމް ކަނޑައަޅަން ޖެހެއެވެ.

ދުލަކީ އަޅުކަން ކުރުމަށް އެންމެ ފަސޭހަވެގެންވާ ގުނަވަނެވެ. ތިމާވީ ކޮންމެ ތާކު، ކޮންމެ ހާލަތެއްގައި ހުރެގެންވެސް ދުލުން ޒިކުރު ކޮށް މާތް ﷲ ހަނދުމަ ކުރެވޭ ނެތެވެ. އަދި އެކަމަކީ މުދަލެއް، ފައިސާއެއް ހަރަދެއް ކުރަންޖެހޭ ކަމެއް ނޫނެވެ. މާތް ﷲ ހަނދުމަކުރުން މަތީ ދެމިހުރެއްޖެ މީހަކަށް ދީނުގެ އެހެން ކަންކަމަށް އަމަލު ކުރުމަށް ފަސޭހަ ކޮށްދެއްވާނޭ ކަމުގައިވަނީ ހަދީސް ކުރައްވާފައެވެ.

ހަމައެފަދައިން، ދުލަކީ ކޮންޓުރޯލެއްނެތި ދޫކޮށްލާފައި އޮންނަ އެއްޗަކަށް ހަދައިފި މީހެއްގެ، ހެޔޮ ދަރުމަޔާއި ސަވާބު ނެތިކޮށްލާފަދަ ކަންކަމަށް އެ ދޫ ވެގެންދާނެ ކަމަށްވެސް ބަޔާންވެގެންވެއެވެ.

ދުލުމުގެ ނިއުމަތް ހެޔޮ ގޮތުގައި ބޭނުން ނުކޮށްފި މީހަކަށް ލިބޭ އަޒާބާމެދު ބިރުވެތިވާށެވެ.

މި އުންމަތުގެ މީހުންގެ ތެރެއިން ބަނގުރޫޓުވެފައިވާ މީހާއަކީ އެތައް ބައިވަރު އަޅުކަމެއްގެ ހެޔޮ ދަރުމަޔާ ސަވާބާއެކު މަހުޝަރުގެ ބިމައްދާ މީހާއެވެ. އެހެނަސް އޭނާގެ ދުލުން ކޮށްފައިވާ ފާފަތަކަށް އެ ދަރުމައިން އުނިކުރަމުންގޮސް އޭނާގެ ހެޔޮ ދަރުމަ ހުސްވާއިރުވެސް، ދުލުގެ ފާފަތައް ހުސްނުވާކަމަށްޓަކައި، އެހެންމީހުންނަށް އޭނާ އީބަބުނެ، ޒުވާބުކޮށް ފުރައްސާރަ ކޮށްހަދާފައިވާތީ އެކަމުގެ ފާފަތައް ބޮލުއަޅައިގެން ނަރަކައަށް ވަންނަންޖެހޭ މީހާއެވެ.

އެއްވެސް ފަރުވާލެއްނެތި އެހެންމީހުންގެ ނެތި ނުބައި ކިޔުމަކީ ކައްވަޅުގެ އަޒާބު ލިބޭ ކަމެއްވެސް މެއެވެ. ވީމާ ތިމާއަށް ލިބިފައިވާ ދުލުގެ ނިއުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. އެ ދޫ އެހެން މީހުންގެ އައިބުތައް ބުނެވޭ ވަސީލަތަކަށް ނުހަދާށެވެ. ދޮގު ވާހަކަތަކާއި، ފާފަވެރި ބަސްތައް ބުނާ އެއްޗަކަށް ނުހަދާށެވެ. ހެޔޮ ބަހެއް ނޫނީ ނުބުނަން އަޒުމް ކަނޑައަޅާށެވެ. ދުނިޔޭގެ ދިރިއުޅުމުގައި ދުލުން އެހެން މީހުންނާ ދިމާއަށް ހިތުހުރި އެއްޗެއް ގޮވާނަމަ އަދި ދޮގު ވާހަކަތައް ދައްކާނަމަ އެހެން އިންސާނުންގެ ކުރިމަތީގައި ތިމާގެ އަގު ވެއްޓި ބޭޒާރުވާނެއެވެ. އެެހެން ކަމުން ތިމާގެ ދޫ ހިފަހައްޓައިފިނަމަ އެއީ ލިބިގެންދަނީ ދުނިޔޭގެ ކާމިޔާބެވެ.