ނުރައްކާތެރި ބޯވައިގެ ބާވަތެއް ކަމުގައިވާ ބްލޫ ރިންގްޑް އޮކްޓަޕަސް ރާއްޖެ ސަރަޙައްދުން ފެންނާތީ ސަމާލުވާން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން އިލްތިމާސްކޮށްފިއެވެ.
އެއިންސްޓިޓިއުޓުން ބުނެފައިވާގޮތުގައި މިއީ އާންމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ނުފެންނަ ބޯވައެއްކަމަށެވެ. ނަމަވެސް މިފަހަކަށް އައިސް މިބާވަތުގެ ބޯވަ މަދުން ނަމަވެސް ރާއްޖެ ސަރަހައްދުން ފެންނަމުން އަންނަކަން އެއިންސްޓިޓިއުޓުން ވަނީ ފާހަގަކޮށްފައެވެ. އެއިންސްޓިޓިއުޓުން ބުނެފައިވަނީ މިބާވަތުގެ ބޯވައަކީ އާންމުކޮށް ރާއްޖެއިން ފެންނަ ބޯވައަށް ވުރެ ސައިޒުން ކުޑަ ބޯވައެއް ކަމަށެވެ. އަދި އެއަށް ނުރައްކާ އިހުސާސްވުމުން ހަންގަނޑަށް ނޫ ބޮޅުތަކެއް އަރުވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
މި ބާވަތުގެ ބޯވައަކީ ވިހަ ދޫކޮށްގެން ޝިކާރަކުރާ އަދި ނުރައްކަލުން ސަލާމަތްވާ ބޯވައެކެވެ، އެގޮތުން އޭއްޗެހި ކާނާ ހޯދުމަށް ޝިކާރަ ކުރަނީ ކާން ބޭނުންވާ އެއްޗެއްގަ ދަތް އަޅާ އެ އެއްޗެއްގެ ގަޔަށް ވިހަ ދޫކޮށް މަރާލައިގެންނެވެ. މިގޮތަށް އެ ދޫކުރާ ވިހަ އަކީ އިންސާނުންނަށް ވެސް ވަރަށް ނުރައްކާތެރި ވިހައެއް ކަމަށާއި، އެ ވިހައަށް އެންޓިވެނަމް އެއް ހޯދިފައި ނުވާ ކަމަށް އެ އިންސްޓިޓިއުޓުން ބުނެފައިވެއެވެ.
އެ އިސްޓިޓިއުޓުން ބުނީ މިބާވަތުގެ ބޯވައިގައި އަތްލައި، ހިފާ އުޅޭނަމަ، އިންސާނުންގެ ގައިގައިވެސް ދަތް އަޅައި ވިހަދޫކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. މިގޮތަށް ބޯވަ ހިފައި ގެންގުޅުމުގެ ތެރޭގައި ދަތް އެޅިނަމަވެސް އެކަމުގެ ތަދު އިހުސާސް ނުވެދާނެ ކަމަށާއި، ނަމަވެސް، ހަށިގަނޑުގެ އޭގެ އަސަރު ކޮށްފިނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގިދިއުން ފަދަ އަލާމާތްތައް ފެންނަން ފަށާ ކަމަށެވެ.
އެހެން އަލާމާތްތަކުގެ ތެރޭގައި ބޯއަނބުރާ ހޮޑުލަވާގޮތް ވުމާއި، ހިތްހުއްޓުންފަދަ ކަންކަންވެސް ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން، ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.
މިފަދަ ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ބޯވަ ދަތް އަޅާ ވަގުތުން ފެށިގެން ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައި ދަންދެން، ކުއްލި ފަރުވާގެ ގޮތުގައި، މަސްނޫއީކޮށް ނޭވާލައްވަން ޖެހޭ ކަމަށާއި، އާއްމުގޮތެއްގައި ވިހައިގެ އަސަރު ކުރާތާ 24 ގަޑިއިރުގެ ތެރޭގައި އިންސާނާގެ ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައި ދާ ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންވެ އެފަދަ ބޯވަ ނުހިފުމަށާއި، އެއާ ދުރުވުމަށް އިލްތިމާސްކޮށްފައިވެއެވެ.