ޚަބަރު
ދަރިވަރުންނާއި ޓީޗަރުން ފައްސިވަމުންއަންނާތީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން ހުއްޓާލައިފި

ދަރިވަރުންނާއި ޓީޗަރުން ކޮވިޑް19އަށް ފައްސިވަމުން އަންނާތީ ތިނަދޫގައި ހުންނަ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ.

ގދ. ތިނަދޫ މޮނިޓަރިންގ ހާލަތުގައި އޮތް ނަމަވެސް، ގްރޭޑް 9 ން 12 ގެ ކްލާސްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށް މިސްކޫލުން ވަނީ އިއްޔެގެ ނިޔަލަށް ކިޔެވުން  ކުރިޔަށް ގެންގޮސްފައެވެ. އެސްކޫލުގެ ދަރިވަރުންވެސް މީގެ ކުރިން ކޮވިޑް19 އަށް ފައްސިވެފައި ވާއިރު، ގްރޭޑް10 ގައި ތަޢުލީމު ހާޞިލްކުރަމުން އަންނަ ކުއްޖެއްވެސް ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ.

ރޭގެ ވަގުތެއްގައި އެ ސްކޫލްގެ ކިޔެވުން ވަގުތީގޮތުން މެދު ކަނޑާލެވިފައިވާކަން ހާމަކޮށް ތަޢުލީމީ މަރުކަޒުން، ސްކޫލްގެ ކްލާސް ވައިބާ ގްރޫޕުގައި ހިއްސާކޮށްފައިވާ މެސެޖްގައި ބުނެފައިވަނީ، ދަރިވަރުންނާއި ޓީޗަރުން ކޮވިޑް19އަށް ފައްސިވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ކުރިޔަށް ގެންދިޔުމަށް ސްކޫލްގެ ކިޔެވުން ވަގުތީގޮތުން މެދު ކަނޑާލެވިފައިވާކަމަށެވެ. ނަމަވެސް، ދަރިވަރުންގެ ކިޔެވުން މެދު ނުކެނޑި ކުރިޔަށް ގެންދިޔުމަށް އޮންލައިން ކްލާސްތަށް ކުރިޔަށް  ގެންދެވޭނެކަމަށެވެ..

“ހުވަދޫ ނިއުސް” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުނާއި، ކިޔަވައިދޭ ބިދޭސީ ނަސްލުގެ ދެޓީޗަރަކު ވަނީ މިހާތަނަށް ކޮވިޑް19 އަށް ފައްސިވެފައެވެ.

ތިނަދޫގެ ހުރިހާ ސްކޫލްތަކުގެ ކިޔެވުން ހުއްޓާލެވިފައިވާ މިދަނޑިވަޅުގައި ތިނަދޫގެ އެކްޓިވް ކޭސްގެ ގޮތުގައި 16 ފަރާތެއް އެބައުޅެވެ. އަދި ތިނަދޫ އިން މިހާތަނަށް 956 ފަރާތެއް ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ.

Comment