ޚަބަރު
6 އަތޮޅެއްގައި މަތީ ތައުލީމު ދޭ މަރުކަޒު ގާއިމް ކުރުމަށް މަސައްކަތް ފަށައިފި

މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު އަތޮޅުތަކަށް ފަހިކުރުމަށް ސަރުކާރުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރެއިން 6 އަތޮޅެއްގައި މަތީ ތަޢުލީމުދޭ މަރުކަޒު ގާއިމް ކުރުމަށް މަސައްކަތް ފަށައިފިއެވެ.

މަތީ ތަޢުލީމުދޭ މަރުކަޒުތައް ޤާއިމްކުރުމުގެ ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ހަމަޖައްސާފައިވާ ރަށްތަށް އެމިނިސްޓްރީންވަނީ އިޢުލާންކޮށްފައެވެ. އެގޮތުން ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ގާއިމް ކުރުމަށާ ރ. އަލިފުށީގައި ޓިވެޓް ސެންޓަރެއް ގާއިމް ކުރުމުގެ އިތުރުން ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހދ. ކުޅުދުއްފުއްޓާއި ޏ. ފުވައްމުލަކުގައި ޓވެޓް ސެންޓަރެއް ގާއިމް ކުރުމާއި ކ. ތުލުސްދޫގައި ޕޮލިޓެކްނިކް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ވާހަކަ އެމިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިނިސްޓްރީން ބުނީ އޮގަސްޓް 23، 2021 ވަނަ ދުވަހު ސޮއިކޮށްފައި ވަނީ ރ. އަލިފުއްޓާއި ޏ. ފުވައްމުލަކުގައި އެކަމަޑޭޝަން ބްލޮކަކާއެކު ޓިވެޓް ސެންޓަރެއް އެޅުމަށް ޑިޒައިން މަސައްކަތާއި ހއ. ދިއްދޫ އަދި ނ. ކެނދިކުޅުދޫގައި އެޅުމަށް ހަމަޖެހިފައި ވާ ޖޫނިއާ ކޮލެޖް، އެކަމަޑޭޝަން ބްލޮކާއެކު އެޅުމަށް ތައްޔާރުކުރާ ކޮންސެޕްޓް ޑިޒައިނާއި ބީއޯކިއު އަދި ތަފްސީލީ ކުރެހުން ކުރެހުމަށް އިޕޮކް އެސޯސިއޭޓްސް އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ކަމަށެވެ.

މީގެއިތުރުން އޮގަސްޓް 24، 2021 ގައި ހދ. ކުޅުދުއްފުށީގައި އެކަމަޑޭޝަން ބްލޮކަކާއެކު އެޅުމަށް ހަމަޖެހިފައިވާ ޓިވެޓް ސެންޓަރާއި ކ. ތުލުސްދޫގައި އެކަމަޑޭޝަން ބްލޮކާއެކު އެޅުމަށްހަމަެޖެހިފައިވާ ޕޮލެޓެކްނިކް މަރުކަޒު ޑިޒައިން ކުރުމުގެ މަސައްކަތް ސިއާކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މި އެއްބަސްވުންތަކުގައި އިޕޮކް އެސޯސިއޭޓްސްގެ ފަރާތުން ސޮއިކޮށްފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުއާވިޔަތު އަބުދުއްސައްތާރެވެ. އަދި ސިއާކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ސިރާޖެވެ.

މަރުކަޒުތައް ބިނާކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމާއި، މަތީ ތައުލީމާއި ތަމްރީނުގައި ހަރަކާތްތެރިވާން ބޭނުންވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް އެ ފުރުސަތު ފަހިކޮށްދިނުމާއި، މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގައި ވާދަވެރިކަން އިތުރުކޮށް ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމާއި، އެކި ދާއިރާތަކުގެ މާހިރުންގެ އެހީތެރިކަން ލިބިގެން ފަންނުތައް ކުރިއެރުވުން ކަމަށް ހަޔާ އެޑިއުކޭޝަނުން ހާމަކުރެއެވެ.

ފެންވަރު ރަނގަޅު ސްޓޫޑަންޓް އެކަމަޑޭޝަން ގެ ހިދުމަތް އެކި އަތޮޅުތަކަށް ގާއިމްކުރުމާ އެ މަރުކަޒުތަކުން ސަރަހައްދުގެ އެހެން ރަށްރަށުން ދަރިވަރުން އައިސް ފަސޭހަކަމާއެކު ކިޔެވުމުގެ ފުރުސަތު ހޯދައިދިނުން ވެސް މި މަރުކަޒުތައް ބިނާކުރުމުގެ މަގްސަދުގެ ތެރޭގައި ހިމެނޭކަމަށް ހަޔާއެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.މި މަޝްރޫއުތަކަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓް ތަކެކެވެ.

Comment