ފެންޑާ
ލޯބި އެންމެ ލޯބީ ކަރުނައިގެ ތެރޭގައި ބާ؟

ލޯބި އެންމެ ލޯބީ ކަރުނައިގެ ތެރޭގައި ބާ؟ މިސުވާލުގެ ޖަވާބު ތަފާތު މީހުން ތަފާތު ގޮތްގޮތަށް ދިނުމަކީ އެކަށީގެންވާ ކަމެކެވެ.

ލޯބި އެންމެ ލޯބީ ނުވަތަ އެންމެ ފުރިހަމަވެގެންދަނީ ކަރުނައިގެ ތެރޭގައި ހެއްޔެވެ؟ މިބުނުމުގައި އެކުލެވޭ މަނަ ތަންކޮޅެއް ފުޅާދާއިރާއެއްގެ މިލިޔުމުގައި ބަލާލަމެވެ.

ލޯތްބަކީ ތަފާތު މީހުން ތަފާތު މީހުން ތަފާތުގޮތްގޮތަށް ބޭނުންކުރަމުން އަންނަ ލަފުޒެކެވެ. ލޯބި އެކިފަރާތްތަކުން މާނަކުރާގޮތްވެސް ބޮޑުތަނުން ތަފާތެވެ. ނަމަވެސް މިލަފުޒުގައި އެންމެން އެއްބަސްވާ އެއްކަމެއް އެކުލެވެއެވެ. ކޮންމެ މީހަކުވެސް ލޯތްބަކީ އުފާވެރި ހިތަށް ހިންހަމަޖެހުމުން ގެނުވައިދޭ އިޙްސާސެއްގެ ގޮތުގައި ސިފަކުރެއެވެ. އަނިޔާވެރިކަމާ، ރުޅިވެރިކަމާއި، ހިތްހަމަ ނުޖެހުން، ނުވަތަ ނުތަނަވަސްކަން ގެނުވައިދޭ އިޙްސާސްތަކަށް އެއްވެސް މީހަކު ލޯބި މިލަފުޒު ބޭނުން ނުކުރާނެއެވެ. ކަން މިހެން އޮތްއިރު، މިފަދަ އުފާވެރި އިޙްސާސެއް އެންމެ ފުރިހަމަވެގެންދަނީ ނުވަތަ އެންމެ ލޯބީ ކަރުނައިގެ ތެރޭގައޭ ބުނެވޭނެ ހެއްޔެވެ؟ އުފާވެރި އިޙްސާސަކާއި ގުޅިގެން ކަރުނަ އަޅަންޖެހޭ ސަބަބެއް ނުވިސްނެއެވެ.

ލޯބިވާނަމަ، ވީކޮންމެ ހާލެއްގައި އެކަކު އަނެކަކާއެކު ވާނޭކަމަށް، ބައެއް ފަރާތްތަކުން ބުނެއެވެ. ކިތަންމެ ދަތިހާލުގައިވެސް، އުފާލާއި ހިތާމައިގެ އެކަކު އަނެކަކު ބައިވެރިވުމަކީ ލޯބީގެ ރަމްޒެއްގެ ގޮތުގައި ގިނަބަޔަކު ދެކެއެވެ. ނަމަވެސް ބައެއް ހާލަތުގައި، ކޮންމެވެސް އެއްފަރާތަކުން، އަނެކަކަށް އަނިޔާވެރިވެ، ލޮލުން ކަރުނަ އޮހޮރުވަން މަޖްވޫރުވާ ޙާލަތުގައިވެސް، ލޯބިވާތީ ކެތްކުރަންވީހެއްޔެވެ؟ ލޯތްބަތްޓަކައި މުޅި އުމުރު ލޮލުން ކަރުނައަޅަން ކެތްކުރުމަކީ، ސުރުޚީގައިވާ ލޯބި އެންމެ ލޯބިވުން ކަމުގައި ވާނަމަ، އެފަދަ ލޯތްބެއްގައި އެއްވެސް އަގެއް ނެތެވެ. އެފަދަ ލޯތްބަކަށް މުޅިއުމުރު ބޭކާރުގޮތުގައި ދުއްވާލުމަކީ ބުއްދިވެރިކަމެކޭ ނުބުނެވޭނެއެވެ.

ލޯބި އެންމެ ލޯބި ވަނީ އަނިޔާއާއި އެކުވީމައެއް ނޫނެވެ. މިއީ ވަރަށް ބޮޑު ކުށް ހީއެކެވެ. މިފަދަ އަނިޔާއަކީ ނަފްސާނީ އަނިޔާއެކެވެ. ނަފްސާނީ އަނިޔާ ހިމެނޭ މައްސަލަ ބޮޑު ގުޅުންތަކުން ވަރަށް ގިނަފަހަރަށް ފެންނަ އެއް ސިފައަކީ އިމޯޝަނަލް ކޯޑިޕެންޑެންސީ އެވެ. އަމިއްލަ ޒަމީރު ގަބޫލު ނުކުރާ ކަންކަމާއި މީހާގެ މިޒާޖާއި ޝަހުސިއްޔަތާ ނުގުޅޭ ކަންކަން ލޯބިވާ މީހަކަށްޓަކައި ކޮށްފާނެ އެވެ. ކޮންމެ ފަދަ ބޮޑު އަގެއް ދައްކައިގެން ވިޔަސް ގުޅުން ދެމެހެއްޓުމަށެވެ. އެއީ އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެޔަށް ވައްޓާލުމެވެ. އަމިއްލަ އިހުސާސްތަކަށް ފުރަގަސް ދިނުމެވެ. ހުރިހާ ކަމެއްގައި ބައިވެރިޔާގެ އިހުސާސްތައް އިސްކުރުމެވެ. ބައިވެރިޔާ ގުޅުން ކަނޑާލަފާނެއޭ ހީވާލެއް ބޮޑުކަމުންނެވެ. ތިމާއަށް ގެއްލުން ވިޔަސް ބައިވެރިޔާ ރުއްސުމަށާއި ބައިވެރިޔާއަށް ދިމާވާ ކޮންމެ މައްސަލައެއް ހައްލުކޮށްދިނުމަކީ އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެންނެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުއިން ފެންނަ ދަރިން ތަރުބިއްޔަތުކުރުމުގެ އާދަކާދައަށް ބަލާއިރު، ވަކިން ހާއްސަކޮށް އަންހެން ދަރިން ތަރުބިއްޔަތު ކުރުމާމެދު ބައެއް މީހުން ވިސްނުން ހުންނަ ގޮތަކީ ކިޔަމަންތެރި ބަސްއަހާ ގެވެހި ކުއްޖަކަށް ހެދުމަށް އެކަންޏެވެ. އެއަށްފަހު އަންހެން ދަރިފުޅު ފިރިމީހާގެ ބަސްއަހައިގެން އުޅުމަށް ފިރިމީހާއާ ހަވާލު ކުރެވެއެވެ. މައިންބަފައިންގެ ބަސްއަހާ މައިންބަފައިންނަށް ބަރޯސާވެގެން އުޅުނު ގޮތަށް ފިރިމީހާގެ ބަސް އަހައި ފިރިމީހާއަށް ބަރޯސާވެގެން އުޅުމަށް ހުރިހާ ބެލެނިވެރިްހެން ދަސްކޮށްދެމުއެވެ.

ދަރިން ތަރުބިއްޔަތުކުރުމުގައި، ދަސްކޮށް ނުދެވޭ އެއްކަމެއް އެބައެކުލެވެއެވެ. އެއީ އަމިއްލަ ވިސްނުން ބޭނުންކުރުމާއި، އެއްވެސް މީހެއްގެ ފަރާތުން އަނިޔާއާއި ކުޑައިމީސްކުރުމާއި ދަށްކޮށްލުން ބަލައިނުގަތުމަށް ކުދިން ތަރުބިއްޔަތު ކުރުމުގައި ދަސްކޮށް ނުދެވެއެވެ. މިފަދަ ތަރުބިއްޔަތަކީ، އެކުދިން ރައްކާތެރިކަމަށްޓަކާ ކުރުން މާ ފައިދާ ހުރި އަދި އެކުދިންގެ ދިރިއުޅުމާއި ގުޅިފައިވާ މުހިންމު ކަމެކެވެ. މިކަން ކުރަން ޖެހެނީ ކުދިން ބޮޑުވުމުން އެކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.

އެހެން ކަމުން ލޯބި އެންމެ ލޯބީ ކަރުނައިގެ ތެރޭގައޭ ނުބުނެވޭނެއެވެ. އެފަދަ ހިތްދަތި، އިޙްސާސްތަކެއް ނުވަތަ އަނިޔާވެރިކަމަކަށް ކެތްކުރުން އެއީ ލޯތްބެއް ނޫނެވެ. އެއީ ކަނުލޯތްބެވެ. ލޯބި އެއްގޮތަކަށްވެސް ކަރުނައިގެ ތެރޭގައި ލޯތްބެއް ނޫނެވެ. ލޯބިވާ މީހެއްގެ ލޮލުން، ކަރުނަ ތިތްކެއްވެސް ފޫއްދާ ނުލެވޭނެ ފަދައިން ޢަމަލުތަށް ބެހެއްޓުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ.

Comment