ޚަބަރު
ހުޅުމާލޭ ޑްރައިވިން ޓްރެކް އަޅަން ބޭނުންވާ ތަކެތި އެމްޑަބްލިއުއެސްސީން ހަދިޔާކޮށްފި

ހުޅުމާލޭގައި ޑްރައިވިން ޓްރެކެއް އަޅަން މިލިއަން ރުފިޔާގެ ތަކެތި އެމްޑަބްލިއުއެސްސީން، ޓްރާންސްޕޯޓް މިނިސްޓްރީއަށް ހަދިޔާކޮށްފިއެވެ.

އެމްޑަބްލިއުއެސްސީއިން ބުނާގޮތުގައި ހުޅުމާލޭ ޑްރައިވިންގ ޓްރެކް އަޅަން ހަދިޔާކުރި ތަކެތީގެ އަގު އެއް މިލިޔަން ރުފިޔާއަށްވުރެ ގިނަވާނެ ކަމަށާއި މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާ ކުރި ތަކެތި ކަމަށެވެ.

މީގެ އިތުރުން ޑްރައިވިންގ ޓްރެއިނިންގއަށް އެކަށީގެންވާ ޖާގަ ލިބިފައި ނެތުމުން ލައިސަންސް ނަގާ މީހުންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާ ޓްރެކް އެޅުމުން ލައިސަންސް ނަގާ މީހުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

އެމްޑަބްލިއުއެސްސީން ބުނާގޮތުގައި މުސްތަޤުބަލުގައިވެސް ރައްޔިތުންނަށް ފައިދާވާނެ މަޝްރޫއުތަކަށް އެކުންފުނީގެ އެހީތެރިކަން ލިބިގެންދާނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިއުއެސްސީގެ ފަރާތުން މިތަކެތި ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

Comment