މެންދަމުގެ ވަގުތެކެވެ. އުޑުމަތި ބަނަ ކަޅޮފޮއިރެއެކެވެ. މުޅިރަށަށް ވަނީ ކަޅު އަދިރިކަން ވެރިވެފައެވެ. ވައިރޯޅިއާއެކު ގަސްތަކުފެ ފަތްތައް ހެލިލާ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ. މުޅިރަށް އޮތީ ނިދާފައެވެ. އެހެނަސް އަތިރިމަތީގައި ހުރި ގަހެއްގެ ހިޔަލުގައި އިން ޒުވާނާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތްކަހަލައެވެ.
ވިއްސާރަ ރެއެކެވެ. ވިދާލާ ކޮންމެ ފަހަރަކު އެޒުވާނާގެ މޫނު ކަޝްފުވެގެންދެއެވެ. އެހަށިގަނޑު ވަނީ އަނަރޫފަވެފައެވެ. އިސްތަށިގަނޑު އޮތީ ހަމައެއްނެތި ހޭވިފައެވެ. އެލޯވަނީ ކަރުނުން ފުރިފައެވެ. އެމޫނުވަނީ މިލާ މޯޅިވެފައެވެ. އެތުންފަތް ހީވަނީ އަބަދަށްޓަކައި ބަންދުވެފައިވާހެންނެވެ. އެސްފިޔަ ޖެހުމެއްނެތި ބަލަމުން ގެންދަނީ ކަނޑުގެ ބިޔަ ރާޅުތަކާ ދިމާލަށެވެ. ބައެއްފަހަރު ކަނޑުގެ ރާޅުތަކާ ސުވާލުކުރާހެންވެސް ހީވެއެވެ. ހަމަ ރަނގަޅަށްވެސް އޭނާ އެކުރަނީ ސުވާލެކެވެ. އެހެން އިދެފައި މަޑުމަޑުން ލޯމަރާލިއެވެ. އެހިނދު އޭނަގެ ކޯތާފަތް މައްޗަށް ކަރުނަތިކިތައް ވެރިކަން ކުރަންފެށިއެވެ. ލޯމަރާލުމުން ކުރިމަތިން ސިފަވެގެންދަނީ މާޒީގެ އެކި ހަދާންތަކެވެ.
ޒިޔާން އާއި ނުޒޫ ކިޔަވަމުން އައީ އެއްކޮލެޖަކުންނެވެ. ނުޒޫއަކީ ޒުވާން ލޫޅާފަތި، ފިރިހެނުންގެ ހިތަކަތިލާ ކަހަލަ ސިފަތަކެއް ލިބިގެންވާ ކުއްޖެކެވެ. އެރީތިކަން ފެންނަ ކޮންމެ މީހަކު އެލޯތްބަށް އެދި ފެންބޮވައިގަނެއެވެ. އެހެންނަމަވެސް ޒިޔާންގެ ހިތުގައި ނުޒޫއަށް ޖާގައެއް ނުލިބުނެވެ. މިކަމާ ނުޒޫ ވަރަށް ދެރަވިއެވެ. ސަބަބަކަށްވަނީ ފެށުނީއްސުރެ ނުޒޫގެ ހިތުގައި ކުރެހިފައިވާ ސިފަޔަކީ ޒިޔާންކަމަށްވާތީއެވެ. ކިތަންމެ ފަހަރަކު ވާހަކަދައްކަން ނުޒޫ މަސައްކަތް ކުރިޔަސް ޒިޔާން އިސްކަމެއް ނުދެއެވެ. އެހެންކަމުން ނުޒޫގެ އަޒުމަކަށްވީ އެރޭ ކޮލެޖުގައި އޮތް ޕާޓީގައި ޒިޔާންއަށް ނުޒޫގެ ލޯބި ހުށަހެޅުމަށެވެ.
މިރޭ ނުބުނިނަމަ ދެން ދުވަހަކުވެސް ނުޒޫއަށް ޒިޔާން ނުފެންނާނެތީއެވެ. ޖެހިގެން އަންނަ ދުވަހަކީ އަހަރުގެ ކިޔެވުން ނިމި ހުރިހާ ކުދިން އާއިލާ ކައިރިޔަށް ދާނޭ ދުވަހެވެ.
މާގިނައިރެއްނުވެ ޕާޓީއަށް ކުދިން އަންނަން ފެށިއެވެ. ހުރިހާ ކުދިން ތިބީ އުފަލުން ފޮޅިފައެވެ. އެހެނަސް އެފަދަ އުފާވެރިކަމެއް ނުޒޫގެ މޫނުމައްޗަކުން ނުފެނެއެވެ. ހުރިހާ ކުދިން މަޖާކޮށް ނަށަމުންދާއިރު ނުޒޫ ހުރި ދުރުގައި ބަލަހައްޓައިގެންނެވެ. ނުޒޫ ޒިޔާންދެކެ އިންތިހާއަށް ލޯބިވެއެވެ. އެހެންނަމަވެސް ބޮއްކުރާ ދަށަށް އޮޑި ކަބަން ޖެހިލުންވަނީއެވެ.
ޒިޔާންހުރީ ރަހުމަތްތެރިންނާ ވާހަކަ ދައްކާށެވެ. ނުޒޫ ވަރަށް ހިތްވަރުކޮށްފައި ކުރިޔަށް ހިގައިގަތެވެ. ޒިޔާންއާ ކައިރިވާ ވަރަކަށް ދެއަތާއި ދެފައި ފިނިވާހެންވެސް ހީވެއެވެ.
“ޒި…ޒި…ޒިޔާ…ޒިޔާން!” ތުރުތުރުލާ އަޑަކުން ނުޒޫ ޒިޔާންއަށް ގޮވާލިއެވެ.
ޒިޔާން ފަސްއެބުރި ބަލާލިއެވެ. ނޭވާގެ ވަސްފޯރާހާ ގާތުގައި ނުޒޫ ހުއްޓާ ފެނުމުން ޒިޔާން ކުޑަކޮށް ޖެހިލުންވިއެވެ.
“ޒިޔާން! އަހަރެން ބޭނުން ޒިޔާން ކައިރީގައި ވާހަކައެއް ބުނަން.” ނުޒޫ މިހެން ބުނުމުން ޒިޔާން އޭނަގެ ރަހުމަތްތެރިންނާ ދުރަށް ޖެހިލިއެވެ.
“ކޮންވާހަކައެއް؟” ނިތަށް ރޫއަރުވަމުން ޒިޔާން އަހާލިއެވެ.
“އަހަރެން ޒިޔާންދެކެ…އަހަރެން ޒިޔާންދެކެ ލޯބިވޭ!” ނުޒޫ އިސްޖަހަމުން ބުނެލިއެވެ. ޒިޔާން ނުޒޫގެ ދަތްދޮޅީގައި ހިފާ އިސްއުފުލާލިއެވެ. ނުޒޫ ޒިޔާންގެ މޫނަށް ބަލާލިއެވެ. އެމޫނުމަތިން ފެނިގެން ދިޔައީ ހިނިތުންވުމެކެވެ.
“އަހަރެންވެސް ނުޒޫ ދެކެ ވަރަށް ލޯބިވޭ. އައި ލަވް ޔޫ ޓޫ.” އުފާވެރި ހިނިތުންވުމަކާއެކު ޒިޔާން ބުނެލިއެވެ. ހަމަ އެވަގުތު ޒިޔާން ނުޒޫގެ އުނަގަނޑުގައި ހިފާ ޒިޔާންގެ ހަށިގަނޑާ ކައިރިކޮށްލިއެވެ. ނުޒޫއަށް ލޯމަރާލެވުނެވެ. މަޑުމަޑުން ލޯހުޅުވާލާ ޒިޔާންގެ ލޮލަށް ނުޒޫ ބަލާލިއެވެ. އެވަގުތު ލޯބީގެ ގުލްޝަނުގައި މާފޮޅެން ފެށިއެވެ. އެގޮތަށް ތިބެވުނީ ކިހާއިރަކު ކަމެއްވެސް ނޭގުނެވެ. ދެކުދިންނަށް ހޭވެރިކަންވިއިރު އެތާކު އެކަކުވެސް ނެތެވެ. ހުރިހާ ކުދިން އެކުއްޖެއްގެ ކޮޓަރިއަށް ހިގައްޖެއެވެ. ޕާޓިވެސް ނިމިއްޖެއެވެ.
“ދެން ކޮންއިރަކު ބައްދަލުވާނީ” ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ކަޑުވާލަމުން ޒިޔާން އަހާލިއެވެ.
“އަހަރެން ގެޔަށް ގޮސް ގުޅާނަން.” ނުޒޫ ދިނީ ކުރު ޖަވާބެކެވެ.
“މިހާރު މާ ލަސްވެއްޖެ.ދެންދަނީ” ހުށިޔާރުކަމާއެކު ޒިޔާންގެ އަތްދަށުން ދެމިގަންނަމުން ނުޒޫ ބުނެލިއެވެ.
“ގުޑް ނައިޓް” ޒިޔާން މިހެން ބުނެލުމުން ނުޒޫ އެބުރި ބަލާލާފައި ލޯމަރާލާ ބޯޖަހާލިއެވެ. އެއަށްފަހު ދެކުދިން ހިގައިގަތީ އެކުއްޖަކަށް ހާއްސަކޮށްފައިވާ ކޮޓަރިއަށެވެ.
“އޮހް ނޯ!” ނުޒޫ ލޯހުޅުވާލުމާއެކު ފުންމައިގެން ތެދުވިއެވެ. އަވަސް އަވަހަށް ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްގެން ނިކުތެވެ. އަވަސް އަރުވާލާ ހުރިހާ އެއްޗެއް ނަގާ ދަބަހަށް އަޅައިގެން ދަބަސް ނަގާ ކޮޑަށް ލަމުން ދުވެފަ ކަހަލަ ގޮތަކަށް ބޭރަށް ނުކުތެވެ. ހުރިހާ ކުދިން ތިބީ ނުޒޫގެ އިންތިޒާރުގައެވެ. ނުޒޫ ދެފަރާތަށް ބަލާލިއެވެ. ނުޒޫގެ ނަޒަރު އެހޯދަނީ ޒިޔާންކަން ކަށަވަރެވެ.
ޒިޔާން ފެންނަން ނެތުމުން ނުޒޫ މާޔޫސްވެފައި ބަހަށް އެރީއެވެ. އެވަގުތު ނުޒޫގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ. އިޚްތިޔާރަކާނުލާ އަގަ ތަންމިނަށް ހުޅުވުނެވެ. އެހިނދު ލަދުރަކި ގޮތަކަށް ހީލާފައި ބޯ ދެއަތަށް ހޫރާލިއެވެ. ކުރިމަތީގައި އެއިނީ ޒިޔާންއެވެ. ނުޒޫ ފަރިހިނގުމެއްގައި އައިސް ޒިޔާންގެ މަގަތުގައި އިށީނެވެ.
“ހާދަ ލަހަކުން” ނުޒޫގެ ކަންފަތްދޮށުގައި ވައި އަޑަކުން ޒިޔާން ބުނެލިއެވެ.
“ހޭނުލެވުނީ” ލަދުރަކި ގޮތަކަށް ނުޒޫ ބުނެލިއެވެ.
ބަސް ދުއްވާލިއެވެ. ނުޒޫ އޮތީ ޒިޔާންގެ ކޮޑުގައި ބޯއަޅާލައިގެންނެވެ. އެކަކު އަނެކަކުގެ އުގުތެރޭގައި ތިބެވުނު އިރެއްވެސް ނެގުނެވެ. ކުއްލިއަކަށް ބަސްހުއްޓުނެވެ.
ނުޒޫ ލޯހުޅުވާލުމާއެކު ޒިޔާންގެ މޫނަށް ބަލާލިއެވެ. ޒިޔާންއަށް އިދެވުނީ ނިދިފައެވެ.
“ޒިޔާން. ޒިޔާން. އެއާޕޯޓަށް އާދެވިއްޖެ.” ޒިޔާންގެ ކޮލުގައި މަޑޫމަޑުން ފިރުމާލަމުން ނުޒޫ ވާހަކަދެއްކިއެވެ.
“ރަށަށް ދެވުނީމަ އަންގާތި. އޯކޭ. ދެންދަނީ. ލަވްޔޫ. ބާއި!” ނުޒޫގެ މޫނުގައި ބޮސްދެމުން ޒިޔާން ބަހުން ފޭބިއެވެ.
ޒިޔާންގެ ފަހަތުން ނުޒޫވެސް ފޭބިއެވެ. ޒިޔާން ގޮސް ގެއްލެންދެން ނުޒޫ ހުރީ ބަލަހައްޓައިގެންނެވެ. ދެކުދިން ފުރަނީ ދެފްލައިޓުން ކަމަށް ވާތީ ނުޒޫ ގޮސް ވަނީ އެއަރޕޯޓްގެ ކެންޓީނަކަށެވެ.
ގެޔަށް އާދެވުމާއެކު ޒިޔާން ދުވެފައި ގޮސް ގޭގެ ސިޓިންރޫމަށް ވަނެވެ.
“މަންމާ!”
ޒިޔާންގެ އަޑަށް ގޭތެރޭ ތިބި އެންމެން ޒިޔާންއާ ދިމާލަށް ބަލާލިއެވެ. އިހްތިޔާރަކާނުލާ ޒިޔާންގެ އަތުގައި އޮތް ދަބަސް އަތުންދޫވެގެން ބިންމައްޗަށް ވެއްޓުނެވެ.
ދެވަނަ ބައި
“މަންމާ!” ޒިޔާންގެ ތުންފަތް ހަރަކާތްކުރިނަމަވެސް އަޑު ބޭރަށް ނުކުތެވެ. ކުރިމަތީގައި ފެންނަން އޮތީ މަންމަގެ ފުރާނަނެތް މަސްގަނޑެވެ. މަޑުފިޔަވަޅުތަކެއް އަޅަމުން ޒިޔާން މަންމަގެ ކައިރިޔަށް ދިޔައެވެ. ޒިޔާންއަށް ރޯކަށްވެސް ނޭގުނެވެ. ގަނބުވެފައި މަންމަގެ ގާތުގައި އިށީނެވެ.
“ނޫން މަންމާ! ނޫން. ތިގޮތަށް އަހަރެން ދޫކޮށްފައި ނުދޭ. އަހަރެން މިހިރީ މަންމަ ކައިރިޔަށް އައިސް. މަންމާ.މަންމާ! ލޯހުޅުވަބަ މަންމާ…!”
ޒިޔާންގެ ބައްޕަ އައިސް ޒިޔާން މެޔާލާ ބޮޑިކޮށްލިއެވެ.
“ބައްޕާ! މަންމަ. މަންމައަށް ކިހިނެއްތީ؟”
ޒިޔާންގެ މަންމަގެ ކަށުކަމާކެމީގެ ކަންތައް ނިންމުމަށްފަހު ގެޔަށް އައިސް ކޮޓަރީގެ އެދުގައި ޖައްސާލިތަނާ ޒިޔާންގެ ފޯނު ރިންގުވާން ފަށައިފިއެވެ.
“ހަލޯ” އެކޮޅުން ވާހަކަދެއްކީ ނުޒޫއެވެ.
“ނުޒޫ..!” ޒިޔާންގެ އަޑުގައި ހުރި ރިހުން ނުޒޫއަށް ފާހަގަ ކުރެވުނެވެ.
“ކިހިނެއްވީ ޒިޔާން” ނުޒޫ ހާސްވިއެވެ.
“ނުޒޫ. މަންމަ.”
“ކިހިނެއްވީ މަންމައަށް” ޒިޔާންގެ ވާހަކަ މެދުކަނޑާލަމުން ނުޒޫ އަހާލިއެވެ.
” މަންމަ….މަންމަ މަރުވީ” ޒިޔާންއަށް ރޮވުނެވެ.
“އޭ! ކީކޭ” ނުޒޫ ދިޔައީ ސިއްސައިގެންނެވެ.
“ޒިޔާން. އަހަރެން ބޭނުން ޒިޔާންއާ ބައްދަލުކޮށްލަން. ދެދުވަސް ފަހުން އަހަރެން ދާނަން ތިރަށަށް.” ނުޒޫ އޭނަގެ ހިތުގެ އެދުން ހާމަކޮށްލިއެވެ.
“އެންމެ ރަނގަޅު. އަހަރެން ދާނަން ނުޒޫ ބަލާ ފާލަމަށް”
“އޯކޭ! ބާއި. ނުޒޫ ފޯނު ބޭއްވުމުން ޒިޔާން ގޮސް ފާޚާނަޔަށް ވަނެވެ.
ނުޒޫ ކޮންމެ ދުވަހަކު ކޮންމެ ރެޔަކު ޒިޔާންގެ ހިތް އުފާކޮށްދިނުމުގެ ގޮތުން ގުޅައިގެން ވާހަކަ ދައްކައެވެ. އެހެނަސް މަންމަ ނެތުމުން ބައްޕަ އެކަނިވާނެ ވަރާއި އަދި ޒިޔާންގެ އެކަނިވެރިކަން ހިތަށް އެރުމުން ނުޒޫގެ ލޮލުން ކަރުނައައެވެ. މަންމަ ނެތުމުން ޒިޔާން ވަރަށް އެކަނިވެރިވިއެވެ. ޒިޔާން އޭނަގެ މަންމަ ދެކެ ވަރަށް ލޯބިވެއެވެ. ގޭގައި ކައްކާ ހަދާނެ މީހަކު ނެތުމުން ގޭގެ މަސައްކަތް ކުރުމަށް ޒިޔާން ވަނީ މީހަކު ހަމަޖައްސާފައެވެ.
(ނުނިމޭ)