ގދ ތިނަދޫއިން މިއަދުވެސް އިތުރު ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ތިނަދޫގައި ހުންނަ ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެރަށުން މިއަދު ވަނީ އިތުރު 4 ފަރާތެއް ކޮވިޑް-19 އަށް ފައްސިވެފައެވެ. ފައްސިވެފައިވާ 4 ފަރާތަކީވެސް ކޮންޓެކްޓް ޓްރޭސިން ގައި ފާހަގަ ކުރެވިފައިވާ ފަރާތްތަކެއް ކަމަށްވެސް ޑރ. އޭއެސްއެމްއެޗް އިން މައުލޫމާތު ދެއެވެ.
އެގޮތުން ތިނަދޫގައި މިހާރު އެކްޓިވް ކޭސްގެ ގޮތުގައި 23 ފަރާތެއް ފާހަގަ ކުރެވިފައިވާއިރު އެރަށުން ޖުމްލަ 964 ފަރާތެއް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެރަށުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 43 ފަރާތެއްގެ ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ނުލިބޭ ސާމްޕަލްގެ އަދަދަކީ 63 އެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެވަނަ ޑޯޒް އެރަށުން 4440 ފަރާތެއް ފުރިހަމަކޮށްފައިވާ އިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 3546 ފަރާތެކެވެ.
ތިނަދޫ މުޖުތަމައު ތެރެއިން ކޮވިޑް-19 އަށް ބަޔަކު ފައްސިވުމާ ގުޅިގެން އެރަށް މޮނިޓަރިން އަށް ލާފައި އޮތުމަށްފަހު މިއަދު ވަނީ މޮނިޓަރިން ހާލަތުން ނަގާފައެވެ.