ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުގެ ފަރިތަކުރުންތައް މިރޭ ރަސްމީކޮށް ފަށައިފިއެވެ.
ސާފް ޗެމްޕިއަންޝިޕަށް އަންނަ ސެޕްޓެމްބަރ މަހު 10 ވަނަ ދުވަހު ޤައުމީ ޓީމު ގަތަރަށް ފުރަން ވަނީ ހަމަޖެހިފައެވެ. ގަތަރުގައި އެކުވެރިކަމުގެ 4 މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި އޮކްޓޯބަރު އެއްވަނަ ދުވަހު ނިކުންނަނީ ނޭޕާލް އާ ދެކޮޅަށެވެ. އޮކްޓޯބަރ 7 ވަނަ ދުވަހު ރާއްޖެ ވާދަކުރާނީ ބަންގްލަދޭޝްއާއެވެ. ތިންވަނަ މެޗު ކުޅެން ހަމަޖެހިފައިވަނީ އޮކްޓޯބަރ 10 ވަނަ ދުވަހު ސްރީލަންކާ ދެކޮޅަށެވެ.
ޤަތަރުގައި ރާއްޖެ ކުޅޭ ހަތަރުވަނަ މެޗު އޮންނާނީ އޮކްޓޯބަރ 13 ވަނަ ދުވަހުގައެވެ. މިމެޗުގައި ރާއްޖެ ބައްދަލުކުރާނީ އިންޑިޔާއާއެވެ.
ސާފް ޗެމްޕިއަންޝިޕްގެ ޕްރެކްޓިސް މެޗްތައް މިރޭ ގަލޮޅު ދަނޑުގައި ފެށިގެންދިޔައިރު ފަރިތަކުރުންތައް ބައްލަވާލެއްވުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ދަނޑަށް ވަޑައިގެންފައެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޒަވާ) ވިދާޅުވީ ގައުމީ ޓީމުން ނަގާފައިވާ ޕްރިލިމިނަރީ ސްކޮޑަށް ތިން ކުޅުންތެރިން އިތުރުކޮށް ކޯޗު ސުޒޭން ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން އަލީ ހައިޝަމް (ޗުމްޕު)، މާޒިޔާގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި އެޓީމުގެ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)އަށް ވަނީ ސްކޮޑުން ޖާގަދީފައެވެ.