ރަޝިޔާއިން އަފްޣާނިސްތާނަށް ވިއްކާފައިވާ ގިނަ އަދަދެއްގެ ހެލިކޮޕްޓަރުތަކެއް ޠާލިބާނުންގެ ބެލުމުގެދަށުގައި އެބަހުރިކަމަށް އަފްޣާނިސްތާނަށް ހަތިޔާރު ވިއްކާ ރަޝިޔާ ކުންފުނިން ބުނެފިއެވެ.
މިގޮތުން 100 އަށް ވުރެ ގިނަ ހެލިކޮޕްޓަރުތައް ޠާލިބާނުންގެ ބެލުމުގެ ދަށުގައި މިހާރު އެބައޮތްކަމަށް ރަޝިޔާގެ ކުންފުނިން ބުނެފައިވެއެވެ. މިއީ އަފްޣާނިސްތާނުގެ ތަފާތު ޕްރޮވިންސްތަކުގައި ބޭނުންކުރަމުން އައި ހެލިކޮޕްޓަރުތަކެކެވެ. މިތަކެތި ޠާލިބާނުންގެ ދަށަށް އައީ އެޕްރޮވިންސްތަށް ޠާލިބާނުންގެ ބެލުމެގެ ދަށަށް އައުމުންނެވެ.
ޠާލިބާނުން އަފްޣާނިސްތާންގެ ކޮންޓްރޯލް ނެގުމާއިއެކު އަފްޣާނިސްތާން ސިފައިން ކުރިން ބޭނުން ކުރަމުން އައި ވަރަށް ގިނަ ހަތިޔާރާއި ވެހިކަލްތައް ވަނީ އެޖަމާއަތުގެ ބާރުގެ ދަށަށް ގޮސްފައެވެ. ރަޝިޔާގެ ކުންްފުނިން ހާމަކޮށްފައިވާގޮތުގައި އެކުންފުނިން ވިއްކާފައިވާ އެމްއައި-17 މަރުކާގެ ހެލިކޮޕްޓަރުތައް ޠާލިބާނުންގެ ބާރުގެ ދަށުގައި ހުރި ނަމަވެސް އޭގެ ތެރެއިން ގިނަ ހެލިކޮޕްޓަރުތައް ނުދުއްވޭނެކަމަށެވެ. އޭގެތެރެއިން ގިނަ ހެލިކޮޕްޓަރުތައް މަރާމާތު ކުރަން ބޭނުންވާ ވަސީލަތްތައް ޠާލިބާނުންގެ އަތުގައި ނުހުންނާނެތީއެވެ. އަދި ހެލިކޮޕްޓަރުތަކުގެ މެއިންޓަނަންސް ކަންކަން ބަލަހައްޓާނެ އިންޖިނޭރުން ވެސް ޠާލިބާނުންގެ ތެރޭގައި ނުތިބޭނެތީއެވެ.
ޠާލިބާނުން ކާބުލް އާއި ކައިރިއަށް ޖަމާވުމުން އަފްޣާނިސްތާންގެ ގިނަ ޕައިލެޓުންނާއި އެއާގްރާފްޓް އިންޖިނިއަރުން ވަނީ އަސްކަރީ ފްލައިޓެއްގައި އުޒްބަކިސްތާނަށް ގޮސްފައެވެ. އެމީހުން އަދިވެސް ތިބީ އުޒްބަކިސްތާންގައެވެ. އަފްޣާނިސްތާނަށް އެމެރިކާ އިން ދިން ފައިސާގެ އެހީ އިން ވެސް ގިނައިން ގަނެފައި ވަނީ ރަޝިއާގެ އެމްއައި-17 މަރުކާގެ ހެލިކޮޕްޓަރެވެ. އެއީ އެމެރިކާ އިން ވިއްކާ ޔޫއެޗް-60 މަރުކާގެ ހެލިކޮޕްޓަރުތަކަށް ވުރެ ރަޝިއާގެ ހެލިކޮޕްޓަރުތައް އަގުހެޔޮ ވުމުންނެވެ.
ޠާލިބާނުންގެ އަތުގައި މިހާރު ގިނަ އަދަދެއްގެ ހެލިކޮޕްޓަރު ހުރިނަމަވެސް ޠާލިބާނުން އަދި އެއިން އެއްވެސް ހެލިކޮޕްޓަރެއް ބޭނުން ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނެތް ކަމަށް އަފްޣާނިސްތާންގައި ތިބި ނޫސްވެރިން ބުނެއެވެ.