ރިޕޯޓް
ބިހުރެހާ ގެ “ރެހާބީޗް” ޕިކްނިކް ހަދާލުމަށް ވަރަށްވެސް ހިތްގައިމު

ގއ. ގެމަނަފުށްޓަކީ، އައްޑޫ ފުވައްމުލަކު މީހުންނާއި، ހުވަދުއަތޮޅާއި، އަދި ރާއްޖޭގެ އެކި ހިސާބުތަކުގެ މީހުން ޗުއްޓީ ހޭދަކޮށްލަންދާ ރަށަކަށްވުމާއެކު، އެ ރަށުގެ ޒުވާނުން އިސް ނަގައިގެން އެ ރަށުގެ އިޙްތިޞާޞްތެރޭ ހިމެނޭ ރަށެއްކަމަށްވާ ބިހުރެހާ ވަރަށް ފުރިހަމަ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ވަނީ ތަރައްޤީ ކޮށްފައެވެ. 2020 ވަނަ އަހަރުގެ މެދުތެރޭ އެ ރަށް ތަރައްޤީ ކުރުމުގެ މަސައްކަތްފެށި މިހާރުނިމި އެ ރަށަށް އެކިރަށްރަށުގެ މީހުން މިހާރު ދަތުރުދާކަމަށް ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވިއެވެ.

ބިހުރެހާގައި “ރެހާބީޗް”ގެ ނަމުގައި ތަރައްޤީ ކުރެވިފައިވާ އެ ރަށުގެ ތުނޑީ ސަރަހައްދުގައި، މިސްކިތަކާއި، އުދޯލިގެއެއް ވަނީ ބިނާ ކުރެވިފައެވެ. މީގެއިތުރުން ބާބަކިޔު ސްޓޭންޑްތަކާއި، އެއްފަހަރާ ގިނަ ބަޔަކަށް ކާން ތިބެވޭ ގޮތަށް ބޮޑު މޭޒަކާއި ގޮނޑިތައް ސިމެންތިން ވަރަށް ހިތްގައިމުކޮށް ހެދިފައިވެއެވެ. އަދި އެކި ޢުމުރުގެ ކުދިންނާއި މީހުންނަށް އަމާޒުކޮށްގެން އެކި ސައިޒުގެ އުނދޯއްޔާއި ޖޯލި ބެހެއްޓިފައިވެއެވެ.

ދަތުރު ދިޔުމަށް އެފަދަ ދެވަނައެއް ނުވާ ބިހުރެހާގެ ސަބަބުން ގެމަނަފުށީގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި، ބިހުރެހާ އަކީ 1.4 ކިލޯ މީޓަރ ހުންނަ ވަރަށް ބޮޑުރަށަކަށް ވުމުން ރަށުގެ އުތުރު ކޮޅު ތުނޑީ ސަރަހައްދު ޕިކްނިކަށް ޚާއްޞަ ކުރެވިފައިވީ ނަމަވެސް އެ ރަށުގައި އިޤްތިޞާދީ މަސައްކަތްތަކެއް ލަސްތަކެއްނުވެ ފަށްޓަވާނެ ކަމަށް ކައުންސިލްގެ ރައީސް ނާޝިދު ވިދާޅުވިއެވެ.

“މިދިޔަ އަހަރު ޖުލައި މަހުން ފެށިގެން މިއަހަރު ޖެނުއަރީއާ ހަމަޔަށް ގެމަނަފުށްޓަށް 2500 މީހުން ޗުއްޓީ ހޭދަކޮށްލަން ޒިޔާރަތްކުރި. އެ އެންމެން ވެސް ބިހުރެހާއަށް ދަތުރު ދިޔަ. އެރަށް މިހާރު ދަތުރުދާ ޚާއްޞަ ރަށެއްގެ ގޮތުގައި ތަރައްޤީ ކުރީމާ، ގެމަނަފުށްޓަށް ޗުއްޓީއަށް އަންނަ މީހުން އެތައް ގުނައެއް އިތުރުވާނެ. މިހާރުވެސް އައްޑޫ ފުވައްމުލަކު މީހުން އެތިބީ ކޮވިޑާހުރެ ނާދެވިފަ. ރަށްތައް މޮނިޓަރިންއިން ނެގުނީމާ ވަރަށް މީހުން އަންނާނެ. ކައުންސިލްގެ ރައީސް ނާޝިދު ވިދާޅުވިއެވެ.

ވަރަށް ފަހުން ގއ. ނިލަންދޫ ކައުންސިލްއިދާރާގެ ޓީމެއްވަނީ އެރަށަށް ދަތުރު ދިޔައެވެ. އެ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ނިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ނާޞިޙް ވިދާޅުވީ، ބިހުރެހާ “ރެހާބީޗް”ގެ ނަމުގައި ޕިކްނިކް ދިޔުމަށް ތައްޔާރު ކުރެވިފައިވގޮތް ވަރަށް ވެސް ފުރިހަމަ ކަމަށާއި، ކިތަންމެ ފަހަރަކު އެ ރަށަށް ޕިކްނިކް ދިޔައަސް އިތުރަށް ދާ ހިތްވާނެކަމަށެވެ. އަދި ނާޞިހް ވިދާޅުވީ، ގެމަނަފުށީ ޒުވާނުންގެ މިފަދަ މަސައްކަތްތައް އެހެން ރަށްރަށުން ވެސް ބަލައި ނަމޫނާ ނަގަން ޖެހޭ ކަމަށާއި، ގެމަނަފުށީގެ ޒުވާނުން ގެމަނަފުށްޓަށް ގެނެސްފައިވާ ތަރައްޤީން ވެސް ނަމޫނާ ނަގަން ޖެހޭ ކަމަށެވެ.

“ރެހާބީޗް” ވަރަށް ހަބޭސް. ގެމަނަފުށީ ޒުވާނުންނަށް ހަމަ އައްސަރިބަހާ ސާބަސް. ގެމަނަފުށީ ވެސް އެހާމެ ހިތްގައިމު. ހަމަޤާއިމުވެސް ހުވަދުއަތޮޅުގައި އެފަދަ ދެވަނައެއް ނުވޭ” ނިލަންދޫ ކައުންސިލް އިދާރާގެ ޕްލޭނިން އޮފިސަރ ޝިޒުނާ ވިދާޅުވިއެވެ.

އެރަށް ތަރައްޤީ ކުރުމުގެ ކުރިން ވަރަށް ގިނައިން އެ ރަށަށް ޕިކްނިކް ވަޑައިގެންފައިވާ އެއް ބޭފުޅެއްކަމަށްވާ ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑިރެކްޓަރ މުހައްމަދު އަރީފް ވިދާޅުވީ،

“ކުރިން ވެސް އެ ރަށަކީ ވަރަށް ހިތްގައިމު ރަށެއް. އެ ރަށުގެ ފޮޓޯތައް ފެނި މިހާރު މިތިބީ ވަރަށް ދާހިތްވެފަ. އެކަމަކު ކޮވިޑާހުރެ ތާށިވެފަ”

ބިހުރެހާ ތަރައްޤީ ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ގެމަނަފުށީގެ ވިޔަފާރިވެރިއެއްކަމަށްވާ މުހައްމަދު އިބްރާހިމް ވިދާޅުވީ، ކޮންމެ ވީކެންޑަކާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ޗުއްޓީ ހޭދަކޮށްލަން ގެމަނަފުށްޓަށް އައިސް ގެމަނަފުށީގައި ތަރައްޤީ ކުރެވިފައިވާ “މާރެހާވިއު” އާއި، “ޒީރޯ” ބީޗާއި، “ސަންރައިޒް” ބީޗްގެ އިތުރުން ގެމަނަފުށީ ފަޅުތެރޭގައި ހުރި ފަޅުރަށްތަކަށް ވެސް ދަތުރުދާ ކަމަށާއި، ވުމާއެކު ދަތުރުދާ މީހުންނަށް ފަސޭހަވާނޭހެން ރަށެއް ތައްޔާރުކުރުމަށް ޒުވާނުންގެ މެދުގައި ޚިޔާލު ކުރެވި ބިހުރެހާ ތައްޔާރު ކުރީ ކަމަށެވެ. އެ ރަށުގެ ސަބަބުން ގެމަނަފުށްޓަށް ޒިޔާރަތްކުރާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.

ރެހާބީޗަށް ޕިކްނިކްދާ މީހުންގެ އަތުން އެއްވެސް އެއްޗެއް ނަންގަންވަންތޯ ކައުންސިލްގެ ރައީސަށް ދެންނެވުން ވިދާޅުވީ، އަދި އޮތީ މުޅިން ހިލޭ ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި، އެ ރަށުގެ ޚިދްމަތް ދޭނަމަ ކޮންމެވެސް އެއްޗެއް ނަންގަވަން ޖެހިދާނެ ކަމަށެވެ. “ގެމަނަފުށްޓަށް ވަޑައިގަންނަވާ ކޮންމެ ބަޔަކަށް އަޅުގަނޑުމެން ހިނިތުންވުމާއެކު މަރުހަބާ ކިޔާނަން. މީ އެންމެ އަމާންރަށް. މިރަށާއި، މިރަށުގެ ފަޅުތެރޭގައިވާ ކޮންމެ ފަޅުރަށެއްވެސް ނުހަނު ފުރިހަމަވެފައި ރީތިވާނެ. އަވަހަށް ވަޑައިގަންނަވާ” ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވިއެވެ.