ގދ.މަޑަވެލި ހޯނޑެއްދޫ ކޯޒްވޭގެ މައްސަލައިގައި ހޯޑެއްދޫ ރައްޔިތުން ނުކުމެ މިއަދު ހަވީރު އިހުތިޖާޖު ކޮށްފިއެވެ.
ރައީސް ޔާމިނުގެ ސަރުކާރުގައި މަޑަވެލި ހޯނޑެއްދޫ ގުޅާލުމަށް އަޅާފައިވާ ކޯޒްވޭގެ ސަބަބުން ރަށުގެ އެސަރަހައްދުގެ 6.7 ހެކްޓަރުގެ ބިން ހަލާކުވެފައިވާ ކަމަށާއި ލޮނުގެ އަސަރުކުރުމުގެ ސަބަބުން މުޅި އެސަރަހައްދުގައި ހުރި ގަސްތައް ހަލާކުވެފައިވާކަން މިއިހުތިޖާޖުގައި ވަނީ ފާހަގަކޮށްފައެވެ.
މިއިހުތިޖާޖުގެ ބައިވެރިން ބުނަމުން ދިޔައީ މިއީ ކޯޒްވޭގެ ސަބަބުން ހޯނޑެއްދޫއަށް ލިބެމުން އަންނަ ގެއްލުންތައް ފާހަގަކޮށް މިކަންތައްތައް ސަރުކާރުގެ ކަމާބެހޭ ފަރާތުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ބޭއްވޭ ސިލްސިލާ އިހުތިޖާޖެއް ކަމަށެވެ. އަދި މިކަމަށް ހައްލެއް ނުލިބެނީސް އިހުތިޖާޖްކުރުން ނުހުއްޓާނެކަމަށް ބައިވެރިން ބުނަމުންދިޔައެވެ.
މިއިހުތިޖާޖުގައި ބައިވެރިވި އެރަށު ކައުންސިލުގެ މެމްބަރުން ބުނާގޮތުގައި ހޯނޑެއްދޫ ކައުންސިލުގެ ފަރާތުން ވަނީ ކޯޒްވޭގެ ސަބަބުން ރަށަށް ލިބެމުންދާ ގެއްލުންތައް ބަޔާންކޮށްދީ ކަމާބެހޭ ފަރާތަށް ރިޕޯޓްތައް ހުށަހަޅާފައި ކަމަށާއި ބައްދަލުވުންތައްވެސް ކުރިޔަށް ގެންދެވުނު ކަމަށެވެ. އެހެންނަމަވެސް ހިތާމަޔަކީ މިހާތަނަށް އައިއިރު އެއްވެސް ހައްލެއް ލިބިފައި ނެތްކަމަށެވެ.
މަޑަވެލި ހޯނޑެއްދޫ ކޯޒްވޭގެ ސަބަބުން ހޯނޑެއްދޫގެ ބިންތައް ހަލާކުވެގެން ދާތީ އެރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިބިންތަކަކީ މުސްތަޤްބަލުގައި ދަނޑު ހެއްދުމަށާއި ރައްޔިތުން ދިރިއުޅުމަށް ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ބިމެއްކަން ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ކޯޒްވޭގެ ސަބަބުން އެރަށަށް ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް އެރަށު ކައުންސިލުން ވަނީ ގޮވާލާފައެވެ. ކޯޒްވޭ ކަނޑާލައިގެން ނަމަވެސް މިމައްސަލައިގެ ހައްލު ރައްޔިތުން ބޭނުންވާކަމަށް ގޮވަމުންދިޔައެވެ.
ހޯނޑެއްދޫ ކައުންސިލުން ކޯޒްވޭ ކަނޑާލަން އުޅޭ މައްސަލަ ކުށްވެރިކޮށް މަޑަވެލި ކައުންސިލުން ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ.
މިބަޔާނުގައި މަޑަވެލީ ކައުންސިލުން ވިދާޅުވީ ކޯޒްވޭ ކަނޑާލަން ނިންމުމަކީ އެކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކޮށްގެން ނިންމާފައިވާ އެއްވެސް ޕްރޮޖެކްޓަކަށް އެއްވެސް ހާލަތެއްގައި އެއްވެސް މިންވަރެއްގެ ގެއްލުމެއް ދިނުމަކީ އެއްވެސް ކައުންސިލަކުން ކޮށްގެންވާނެ ކަމެއް ކަމަށެވެ.
އަދި މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ އަކީ ދެރަށުގެ މަސްލަހަތު ހިމެނޭ ތަނަކަށްވުމާއި، ކޯޒްވޭ އަކީ އެދެރަށަށް ދިރިއުޅުމާއި، ވަޒީފާ އަށް ނިސްބަތްވާ ފަރާތްތައް ބޭނުންކުރާ ތަނަކަށްވެފައި، ކޯޒްވޭފެ ސަބަބުން ދެރަށުގެ އިގްތިސާދަށް ވެސް ރަނގަޅު ހެޔޮ ބަދަލެއް އަންނަ ކަމަށްވެސް މަޑަވެލި ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.