ގއ. ގެމަނަފުށީ ޒުވާނުންނާއި ގއ. ކޮނޑޭ ޒުވާނުންގެ މެދުގައި ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗް 3 ލަނޑު 1 ލަނޑުން ގެމަނަފުށީ ޒުވާނުން ކާމިޔާބުކޮށްފިއެވެ.
ގެމަނަފުށީ ޒުވާނުންގެ ތެރެއިން މި މެޗް އިންތިޒާމް ކުރުގައި އިސްކޮށް ހުންނެވި އުސައިމީން ސައީދު ވިދާޅުވީ، މި މެޗްތައް އިންތިޒާމު ކުރުމުގައި މައިގަނޑު 2 މަޤްޞަދެއްވާކަމަށާއި، އެގޮތުން ރާއްޖޭގައި ފުޓްސަލް ފެށުނު ފަހުން ފުޓްބޯޅައަށް އޮތް ފޯރި ވަރަށް ބޮޑަށް ގެއްލިފައިވާތީ، ފުޓްބޯޅައިގެ ރޫހު ގެނެސް އިހު އޮތް ފުޓްބޯޅަ ފޯރި ގެނައުމާއި، ކޮވިޑްގެތެރޭގައި ދޭތެރެ ދޭތެރެން ރަށްރަށް މޮނިޓަރިންނަށް ލެވި، އެއްބަޔަކު އަނެއްބަޔަކަށް ދަތުރު ނުކުރެވި ތިބުމަށްފަހު، ރަށްރަށް ހުޅުވާލުމުން އެއްރަށް އަނެއްރަށެއްގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމެވެ.
“މީ އަޅުގަނޑުމެން ކުޅުނު ދެވަނަ މެޗް. ފުރަތަމަ މެޗް ކުޅުނީ ގައްދޫއާއެކު. އެމެޗް 5 ލަނޑު 1 ލަނޑުން އަޅުގަނޑުމެން މޮޅުވީ. އުއްމީދު މި ކުރަނީ ކޮންމެ ވީކެންޑެއްގައި ވެސް ކޮންމެ ރަށަކާއެކު މެޗެއް ކުޅުމަށް” ގެމަނަފުށީ އައިޑިއަލް ޖަމްއިއްޔާގެ ފައުންޑަރ މެމްބަރު ޢަބުދުލް ޙަންނާނު ވިދާޅުވިއެވެ.
ކޮނޑޭއާއި، ގެމަނަފުށީގެ ގިނައަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި، ގއ.ގެމަނަފުށީ ރަސްމީ ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗްގެ މޮޅުކުޅުންތެރިއަކީ، ގެމަނަފުށީ ޓީމަށް 3 ލަނޑު ޖަހައިދިން ޢަލީ ޝާޒު ހަބީބު (ކިންގ ހާ) އެވެ.