ޚަބަރު
ފިޔޯރީގައި ވަގުތީ ގޮތުން ކުނި މެނޭޖްކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ގދ.ފިޔޯރީގައި ވަގުތީ ގޮތުން ކުނި މެނޭޖް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިފިއެވެ.

ފިޔޯރީގައި ކުނި އަޅަމުންދާ ސަރަހައްދު ފުރި ކައިރީގެ ގެތަކަށް ކުނީގެ އުދަގޫ ފޯރަން ފެށުމުން ފިޔޯރީ ކައުންސިލުން މިވަނީ ކުނި މެނޭޖްކުރުމުގެ ވަގުތީ ހައްލެއްގެ ގޮތުން އިއްޔެ އެސަރަހައްދު ސާފްކޮށްފައެވެ.

ދާއިމީ ގޮތެއްގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ފެށެންދެން އެރަށު ކައުންސިލުން ވަނީ ކުނި އަޅާ ސަރަހައްދު ސާފްކޮށް އެކަމަށް ވަގުތީ ހައްލެއް ގެނެސްދީފައެވެ.

ފިޔޯރީ ކައުންސިލުގެ ރައީސް ފައިޒަރު ރަޝީދު ހުވަދޫ ނިއުސްއަށް މައުލޫމާތު ދެމުން ވިދާޅުވީ 2022 ވަނަ އަހަރު ފެށުމުގެ ކުރިން ދާއިމީ ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ފެށޭތޯ ކަމަށާއި މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި މިކަމުގައި ފިޔޯރީ ޑަބްލިއުޑީސީ އިން ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް ފައިޒަރު ވިދާޅުވީ، ރަށުގެ މިފަދަ ކޮންމެ ކަމެއްގައިވެސް ޑަބްލިއުޑީސީގެ ފަރާތުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ފައިޒަރު އިތުރަށް ވިދާޅުވިގޮތުގައި މިމަސައްކަތް ލަސްވެގެން މިދަނީ 2019 ވަނަ އަހަރުން ފެށިގެން ރަށުގެ މިސްކިތްތަކުން ފެނަކައަށް ދައްކަންޖެހޭ 1 މިލިޔަނެއްހާ ރުފިޔާ ދެއްކުމުގައި ބަޖެޓް ކޮންޓްރޯލް ހަދައިގެން ފެނަކައަށް ފައިސާ ދައްކަން ޖެހުމުން ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށާއި އިދާރީ ގޮތުން ކުރަންޖެހޭ އެތައް ކަމެއް މަޑުޖެހިފައި އޮތްކަމަށް ފައިޒަރު ފާހަނގަކޮށްލިއެވެ.

މީގެއިތުރުން ކުނިމެނޭޖްކުރުމުގައި ވަގުތީ ހައްލެއް ހޯދައިދިނުމަށް ފެނަކަ އެމްޑީ  އަހްމަދު ސައީދު ވެދިން އެހީތެރިކަން ފާހަނގަކޮށް ފައިޒަރު ވަނީ ކައުންސިލުގެ ފަރާތުން ސައިދުއަށް ޝުކުރު އަދާކޮށްފައެވެ.