ޚަބަރު
މިފްކޯގެ ދީލަތި އެހީ ކަނޑުހުޅުދޫއަށް

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި މޮނިޓަރިންގެ ހާލަތުގައި އޮތް ގއ. ކަނޑުހުޅުދޫގެ ރައްޔިތުންނަށް މިފްކޯގެ ފަރާތުން ކަނޑުމަސް ފޯރުކޮށްދީފިއެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަސްފާޙު ހަސަން “ހުވަދޫ ނިއުސް” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މޮނިޓަރިންއަށް ލުމާއި ގުޅިގެން ރަށުގެ ގިނަ ގެތަކެއް ކަރަންޓީން ކުރުމާއި، އަދި ލަފާ ފުރުމަށް މަނާކޮށްފައިވާތީ ރަށުގެ ރައްޔިތުންނަށް ކަނޑުމަސް ފޯރުކޮށް ދިނުމުގެ ގޮތުން ރަށުގެ ކޮންމެ ގެއަކަށް 3 ކަޅުބިލަ މަސް މިފްކޯއިން ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި މިއީ ކައުންސިލުން އެދިގެން މިފްކޯގެ ދީލަތި އެހީއާއި އެކު ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ.

“ކައުންސިލުން އިސްނަގައިގެން މިފްކޯގައި އެދުނީ ކަނޑު މަސްފޯރުކޮށްދެވޭތޯ. ވަގުތުން އެކަމަކަށް އިޖާބަދީ މިފްކޯގެ ބޯޓެއް އައިސް މިރަށުގައި ބަނދަރު ކުރުމަށް ފަހު ކައުންސިލަށް މަސް ހަވާލުކުރީ. ގާތްގަނޑަކަށް 600 ވަރަކަށް ކިލޯގެ މަސް ވަނީ މިއަދު ހަވާލުކޮށްފަ. އަދި ރަށުގައި ކޮވިޑް 19 ކޮންޓްރޯލް ކުރެވިފައިވާތީ އިރާދަކުރެއްވިއްޔާ މި އަންނަ ހަފްތާގައި މޮނިޓަރިން އުވާލެވޭތޯ އެޗްޕީއޭއަށް ހުށައަޅާނެ ކަމަށް”  އަސްފާޙު ވިދާޅުވިއެވެ.

އެރަށުގެ މިވަގުތު އެކްޓިވް ކޭސްގެ ގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ 9 ފަރާތެކެވެ. އެރަށުން 194 ރެންޑަމް ސާމްޕަލް މިހާތަނަށް ނަގާފައިވެއެވެ. މިހާތަނަށް 31 ސާމްޕަލެއްގެ ނަތީއްޖާ އަދި ނުލިބެއެވެ.

Comment