ދީން
ކުށްކުރާ މީހުން އިސްލާހު ކުރުމަށް ޢައިބު ނުކިޔާށެވެ!

މަޑުމައިތިރި ކަމާއި ނިއަނެތިކަމާއި ބަސްމަގު ރިވެތިވުން މިއީ މުސްލިމުންގެ ސިފައެކެވެ. މިއާ ޚިލާފަށް އަޑު ަގަދަކުރުމާއި، ބަސްމަގު ހުތުރުވުމާއި، މީހުންނަށް އައިބުކިޔުން ކަހަލަ ކަންކަމަކީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނެ ސިފަތަކެއް ނޫނެވެ.

ވީމާ މުސްލިމު އަޚަކު ކުށެއް ނުވަތަ ފާފައެއް ކުރާ ހިނދު އަނެއް މުސްލިމުގެ މައްޗަށް ލާޒިމު ވަނީ އެކަން ހުއްޓުވުމަށްޓަކައި ރިވެތި ގޮތުގައި ނަޞޭޙަތް ދިނުމެވެ. މާތްالله ގެ މަތިން އެމީހާއަށް ހަނދާން ކޮށްދިނުމެވެ. އޭނާއާ ދިމާއަށް ހަޑިހުތުރު ބަސްތައް ބުނެ އެންމެންގެ ކުރިމަތީ ފަޟީޙަތް ކޮށްލުމެއް ނޫނެވެ. އެހެނީ މިފަދައިން ފަޟީޙަތް ކޮށް އޭނާއަށް ޢައިބުކިޔާ ބަސްބުނުމުން އެއިން ފައިދާއެއް ކުރުމުގެ ބަދަލުގައި ލިބޭނީ ގެއްލުން ކަމަށް ވާތީ އެވެ. އަނެއްކޮޅުން އެގޮތަށް ކަންކުރުމަކީ ތިމާ އަކީ ކުށެއް ނުކުރާ މީހެއް ކަމަށް ހީކުރެވި ބޮޑާވާން ފުރުސަތު ލިބިގެންދާނެ ކަމެކެވެ.

އަދި ފަހަރެއްގައި ޚުދު ތިމާއަށް އެއިން ގެއްލުމެއް ވެސް ލިބިދާނެ ކަމެކެވެ. ވީމާ ތިމާގެ އަޚާ ކުށެއް ކުރި ހިނދުގައި އޭނާ ފަޟީޙަތް ކޮށް އޭނާއަށް ޢައިބުކިޔުމުގެ ކުރިން ވިސްނާލަން ޖެހޭ ކަންކަން އެބަހުއްޓެވެ. އެހެނީ ކުށްކުރާ މީހުން ތަފާތު ބައިތަކަށް ބެހޭތީ އެވެ. މިގޮތުން ފުރަތަމަ ބަޔަކީ އެމީހުންނަށް ކުރެވުނު ކުށަށް ތައުބާވެ މާތްالله އަށް ރުޖޫޢަވާ މީހުންނެވެ. މިފަދަ މީހުންނާ ދިމާއަށް އެމީހުން ކުރި ކުށުގެ ވާހަކަ ދައްކައި ހަދައިގެން ނުވާނެ އެވެ. އެހެނީ އޭނާ އޭނާގެ ނަފްސު ޠާހިރު ކޮށްފިއެވެ.

ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވަނީ “التائب من الذنب كمن لا ذنب له” (رواه ابن ماجة) މާނައަކީ، “ފާފައަކުން ތައުބާވާ މީހާއީ ފާފައެއް ނެތް މީހަކާ އެއްފަދަ މީހެކެވެ”.

ދެވަނަ ބަޔަކީ، އެމީހުންގެ ކުށް ޢާންމުވެފަ ިއ ނުވާ މީހުންނެވެ. މިފަދަ މީހެއްގެ ކިބައިން ކުށެއް ފެނިއްޖެނަމަ އޭނާއަށް ނަޞޭޙަތް ދިނުން ވާޖިބު ވާނެ އެވެ. އަދި އޭނާގެ ކުށް ސިއްރު ކުރުންވެސް ވާޖިބު ވާނެ އެވެ.

ތިންވަނަ ބަޔަކީ ޖެހިލުމެއް ނެތި ފާޅުގައި ކުށްކުރާ މީހުންނެވެ. މިފަދަ މީހުންނަށްވެސް ނަޞޭޙަތް ދިނުން ވާޖިބު ވާނެ އެވެ. މީގެ އިތުރުން މިފަދަ މީހުންނަށް އިންޒާރުދޭން ޖެހޭނެއެވެ. ނަމަވެސް ޢައިބުކިޔައި ހަޑިހުތުރު ބަސްތައް ބޭނުންކޮށްގެން ނުވާނެއެވެ. އެގޮތަށް ކަންކޮށްފިނަމަ ފަހަރެއްގައި ތިމާގެ އަޚާގެ އެފާފައަށްވުރެ ބޮޑު ފާފައެއް ތިމާއަށް ކުރެވުނީ ކަމަށްވެސް ވެދާނެއެވެ. އެހެނީ ތިމާގެ އަޚާ އޭނާއަށް ކުރެވުނު ފާފައިގެ ސަބަބުން އެކަމާ ދެރަވެ ވިސްނަފާނެއެވެ. މާތްاللهގެ ޙަޟްރަތުގައި އޭނާގެ ދަރަޖަ ވެއްޓި ނިކަމެތި ވެއްޖެ ކަމަށް ދެކެފާނެއެވެ. ބޮޑާކަމާއި ކިބުރުވެރިކަން ފިލައި ހިތްމަޑުމޮޅިވެ އިސްދަށަށް ޖަހާފާނެއެވެ.

މިއީ ތިމާގެ ހިތުގައި އުފެދިދާނެ ކިބުރުވެރިކަމުގެ އިހުސާސާއި، ކުށްތަކުން ސަލާމަތްވެގެންވާ ކަމަށް ކުރެވޭ ކުށް ފާފަ އެންމެ ގާތްވާނީ ހީއަށްވުރެ މާފައިދާބޮޑު ކަމެއް ކަމުގައިވެސް ވެދާނެ އެވެ. ހަގީގަތް ދެނެވޮޑިގެންވާނީ މާތްالله އެވެ. މިސަބަބަށްޓަކައި، ޒިނޭކުރި އަންހެނެއްގެ މައްޗަށް ހައްދު ޖަހަން ކީރިތި ރަސޫލާ އަމުރު ކުރައްވައި ދެން އަމުރު ކުރެއްވީ އޭނާއަށް އައިބު ނުކިޔުމަށެވެ. އެއީ އޭނާ ދެރަނުކުރުމަށެވެ. އެގޮތަށް ކަންކޮށްފިނަމަ މާދަމާ އަހަރެމެންނަށް ކަންތައް ހުރީ ކިހިނަކުންކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟ ކީރިތި ރަސޫލާ ކުރައްވާ ދުޢާފުޅުތަކުގައި “އޭ ހިތްތައް ބަދަލު ކުރައްވާ ރަސްކަލާކޮ! އިބަރަސްކަލާނގެ ދީނުގެ މަތީ އަޅަމެންގެ ހިތްތައް ސާބިތު ކުރައްވާނދޭވެ!” މިފަދައިން ދުޢާ ކުރައްވަނީވެސް އެހެންވެގެންނެވެ.