ރިސޯޓްތަކުން ލިބޭ ބިމުގެ ކުލި ކައުންސިލަށް ލިބޭގޮތަށް ޤާނޫނަށް ބަދަލު ގެންނަވާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވުނު ބައްދަލުވުމުގައި ގއ. އަތޮޅުގެ ކައުންސިލުގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވާފައެވެ.
މިބައްދަލުވުމުގައި ގއ. އަތޮޅުގެ ކައުންސިލުގެ ރައީސް ވަނީ އެއަތޮޅަށް ދިމާވެފައިވާ ދަތިތައް ރައީސުލްޖުމްހުރިއްޔާ އާއި ހިއްސާކޮށްފައެވެ. އޭގެތެރޭގައި އެއަތޮޅުގައި ހަދަމުންދާ ރިސޯޓްތަކުގެ މަސައްކަތް ނިންމާލުމުގައި ސަރުކާރުން އެހީތެރިކަމެއް ފޯރުކޮށްދީ، އެރިސޯޓްތަކުން ކައުންސިލަށާއި ރައްޔިތުންނަށް ފައިދާ ކުރުވަނިވި ގޮތެއް މަގުފަހިކޮށްދެއްވުމަށް އެދިލައްވާފައެވެ.
ރަޢިސް ވިދާޅުވީ ރިސޯޓްތަކުން ލިބޭ ބިމުގެ ކުލި ކައުންސިލަށް ލިބޭ ގޮތް ހެދުމުން ކައުންސިލުގެ ބަޖެޓުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ.
ގއ.އަތޮޅުގެ ރަށްތަކުގައި މިވަގުތު ހުރި ދަތިތައް ކަމަށް ފާހަނގަކުރެވޭ ކަންތައްތަކުގެ ތެރޭގައި އެއަތޮޅު ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމާއި، ގއ. އަތޮޅު ތައުލީމީ މަރުކަޒެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން ކޫއްޑޫ އެއަރޕޯޓަށް ބޭނުންވާ ބައެއް ވަސީލަތްތައް ނުލިބޭކަން އެއަތޮޅު ކައުންސިލުގެ ރައީސް ވަނީ ރައީސަށް ދަންނަވާފައެވެ.
މިދެންނެވުންތަކާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ މިފްކޯގެ އެކްސްޓެންޝަން މަޝްރޫއުގެ ތެރެއިން މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެ ކަމަށާއި ޔޫއެސްޕީގެ ދަށުން ހޮސްޕިޓަލު ޕްރޮޖެކްޓްގެ މަސައްކަތް ސަރުކާރުން ކުރަމުންގެންދާކަމަށެވެ.