ނޭޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ)ގެ ސީއީއޯގެ މަޤާމަށް މީހަކު އައްޔަން ނުކުރެވިގެން އުޅެނީ އިދާރީ އޮނިގަނޑު ރިވިއު ކުރާތީ ކަމަށް އެއެޖެންސީއިން ވިދާޅުވެއްޖެއެވެ.
އެން.ޑީ.އޭގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެޖެންސީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް އިދާރީ އޮނިގަނދު ރިވިއުކުރަމުންދާތީ ސީއީއޯގެ މަޤާމަށް އިއުލާންނުކޮށް ލަސްވެގެންދަނީ ކަމަށެވެ.
މިދިޔަ މެއިމަހު 16 ވަނަ ދުވަހު އެން.ޑީ.އޭގެ ސީއީއޯގެ މަޤާމުގައި ހުރި މުހައްމަދު ހަބީބް ވަޒީފާގެ ޕްރޮބޭޝަން ހަމަވެގެން ދިޔައިރު އިވެލުއޭޝަން ރަނގަޅުނުވުމުން އޭނާ ވަނީ މަޤާމުން ވަކިކޮށްފައެވެ. އެހެންނަމަވެސް ތިންމަސް ފާއިތުވެގެން ދިޔައިރުވެސް އެމަޤާމަށް މީހަކު ހޯދަން އިއުލާން ނުކުރެއެވެ.
އެންޑީއޭގެ ހާލަތު ގޯސްވެފައިވާތީ އެކަންކަން ރަނގަޅުކުރުމަށް މިދިޔަ މެއިމަހު އެ އެޖެންސީ ވަނީ ޖެންޑާ މިނިސްޓްރީގެ ދަށުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށް އެތަނުގެ ބޯޑަށް ބަދަލުތައް ގެނެސްފައެވެ. ސީއީއޯއެއް ހަމަޖެހެންދެން އެ އެޖެންސީގެ ހިންގުން ވަގުތީ ގޮތުން ހަވާލުވެގެން ހުންނެވީ އެން.ޑީ.އޭގެ ޒިންމާދާރު ވެރިޔާ އައިޝަތު ވަހީދާއެވެ.