ރާއްޖޭގެ ސްކޫލްތަކުގައި “އިސްލާމް” މާއްދާ ކިޔަވައިދޭން ބޭރު ޓީޗަރުން ގެނައުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ނިންމީ ސްކޫލްތަކުގައި ހަރުކަށި ފިކުރުތައް ފެތުރުން ހުއްޓުވުމަށް ކަމަށް އެމިނިސްޓްރީތަކުން ވަނީ ހާމަކޮށްފައެވެ.
އެމްޑީޕީގެ “މެއި ހައެއް” ކޮމިޓީގެ މުޤައްރަރު ހަސަން އަފީފް ވިދާޅުވާ ގޮތުގައި އިސްލާމިކް މިނިސްޓަރާއެކު ބޭއްވުނު ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވެފައިވަނީ މިކަންތައް ހުއްޓުވެން އޮތީ އިސްލާމް ފޮތުގައި ހުރިކަމަށް ބުނާ ނަފްރަތު އުފައްދާ ފަދަ ލިޔުންތައް ބަދަލުކޮށް އިސްލާމް މާއްދާ މަންހަޖަށް ބަދަލުކޮށްގެންނެވެ. އެހެންކަމުން މިމަސައްކަތްތައް މިނިސްޓްރީން ފަށާފައިވާކަން މިނިސްޓަރު ވަނީ ފާހަނގަކޮށްފައެވެ.
އަދި ރާއްޖެއިން ބޭރު ޓީޗަރުން ގެނެސްގެން އިސްލާމް ކިޔަވައިދޭން އެމިނިސްޓްރީން ވިސްނަމުންދާކަމަށް އަފީފް ވިދާޅުވިއެވެ.
“މިނިސްޓްރީން އެބަ ވިސްނާ ވަޑައިގަންނަވާ ކޮންމެވެސް ވަރަކަށް އިސްލާމް ޓީޗަރުން ބޭރުން ގެނެސްގެން ކުދިންނަށް އުނގަންނައިދިނުމަށް،” އަފީފް ވިދާޅުވިއެވެ.
މިދިޔަ ބްރާސްފަތި ދުވަހު އެމްޑީޕީގެ “މެއި ހައެއް” ކޮމެޓީ އިން ވަނީ އެޑިއުކޭޝަން މިނިސްޓަރާވެސް ބައްދަލުކޮށް ސްކޫލްތަކުގައި ހަރުކަށި ފިކުރު ފެތުރިފައި އޮތް މިންވަރާމެދު މަޝްވަރާކޮށްފައެވެ.
ހަސަން އަފީފް ވިދާޅުވެފައިވަނީ ސްކޫލްތަކުގައި ހަރުކަށި ފިކުރު ފަތުރާ މީހުންގެ މަސައްކަތް ކުރަނީ ދިރިއުޅުމުގެ ހާލަތު ނިކަމެތިކޮށް ހުންނަ ދަރިވަރުން އެ ފިކުރުގެ ތެރެއަށް ހައްލާލައިގެން ވައްދާ ކަމަށާއި ސްކޫލްތަކުގައި މިހާރުވެސް ހަރުކަށި ފިކުރުގެ ދަރިވަރުން ތިބިކަން އެޑިއުކޭޝަން މިނިސްޓަރުވެސް ފާހަގަކުރެއްވި ކަމަށެވެ.