ހއ އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓްޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން ވިދާޅުވީ ހއ އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިއްޖެކަމަށާއި ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިއަދު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ.
އެމްޓީސީސީ ހިންގަމުންދާ މި މަޝްރޫޢުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށްއެ ކުންފުނިން ހާމަ ކުރައްވައެވެ.
މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 59.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.