ޚަބަރު
އެއްވެސް ޝަރުތަކާއި ނުލައި ރައީސް ޔާމީން ދޫކޮށްލުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސްއަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިއްވިއިރު ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުންގެ އޯޑިއޯތައް ލީކުވެ ހުކުމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށް އެމަނިކުފާނު އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައްވައިފިއެވެ.

މިކަމާ ގުޅިގެން ޕީޕީއެމް ޕީއެންސީ އިން މިރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައެވެ. އެގޮތުން ކައުންސިލަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޣައިރު ޤާނޫނީ ހުކުމެއްކަމަށް ޕްރޮގްރެސިވް ކޯލިޝަނުންނާއި ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނަމުން ދަނިކޮށް، މިއަދު އާންމުވެފައިވާ އޯޑިއޯތަކަކުން އެމައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރަކު އެހުކުމަކީ ގަދަބާރުން އެފަނޑިޔާރުންނަށް ބިރުދައްކާ ނުފޫޒު ފޯރުވާ، ރަހީނުކޮށްގެން އަދި އޮޅުވާލައިގެން ކުރެވިގަފައިވާ ހަމަ ހަގީގަތުގައިވެސް ނުހައްގު ހުކުމެއްކަމަށް އެ ފަނޑިޔާރުން ގަބޫލު ކުރާކަން ރައްޔިތުންނަށް މިއަދު ހާމަވެ، ސަރުކާރު ފަޟީހަތްވެފައިވާ ކަމަށެވެ.

އެހެން ކަމަށް ވުމުން އެހުކުމަކީ ޣައިރުގާނޫނީ ހުކުމެއްކަމަށް ފަނޑިޔާރުންގެ ބެންޗުގެ އަޣްލަބިއްޔަތު ބުނަމުންދާތީ، އެ ޙުކުމަކީ ބާތިލު ހުކުމެއްކަމަށް ކަނޑައެޅުމާއެކު، މިހާރުން މިހާރަށް ޔާމީން އެއްވެސް ޝަރުތަކާއި ނުލައި މިނިވަން ކުރުމަށް ގޮވާލާ ކަމަށްވެސް އެ ގަރާރުގައި ބުނެފައިވެއެވެ.

ޤަރާރު ފާސްކޮށްފައި ވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

Comment