ޚަބަރު
ރުހުނަސް ނުރުހުނަސް ޙައްދުވާނީ ޙައްގަށް، ބާޠިލް ވާނީ ބާޠިލަށް: ޑރ އިޔާޒް
ކުށެއް ނުކުރާ މީހަކު ކުއްވެރިޔަކު ކަމުގައި ހެދުން، އަދި ކުއްވެރިޔަކު ކުށެއް ނުކުރާ މީހަކު ކަމުގައި ހަދަން މަސައްކަތް ކުރުމަކީ ބިންމަތީ ފަސާދަ އުފެއްދުމުގެ ގޮތުން ކުރެވޭނެ އެންމެ ނުބައި އެއްކަންތައް ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް އަބްދު ލަތީފް ވިދާޅުވެއްޖެއެވެ.
ޑރ އިޔާޒް މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސްއަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމް އިއްވިއިރު ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކުވެ ހުކުމާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށް ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައެވެ
.
އެޓުވީޓުގައި ޑރ އިޔާޒް ވިދާޅުވެފައިވަނީ، ކުށެއް ނުކުރާ މީހަކު ކުއްވެރިޔަކު ކަމުގައި ހެދުމާއި ކުއްވެރިޔަކު ކުށެއް ނުކުރާ މީހަކު ކަމުގައި ހަދަން މަސައްކަތް ކުރުމަކީ ބިންމަތީ ފަސާދަ އުފެއްދުމުގެ ގޮތުން ކުރެވޭނެ އެންމެ ނުބައި އެއްކަންތައް ކަމަށެވެ. އަދި ނުރުހުނަސް ރުހުނަސް ޙައްގުވާނީ ޙައްގަށް ކަމަށާއި، ބާޠިލް ވާނީ ބާޠިލަށް ކަމަށްވެސް ޑރ އިޔާޒް ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.
ޑރ އިޔާޒް ގެންދަވަނީ ކުރީގެ ރައީސް ޔާމީނަށް ހުކުމް ކުރެއްވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ބައެއް ފަނޑިޔާރުންގެ އޯޑިއޯ ތަކެއް ލީކުވެ، ޔާމީންގެ މައްޗަށް ހުކުމް ކުރެއްވީ ބައެއްގެ ނުފޫޒުން ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އެގޮތުން ޑރ އިޔާޒް ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ, ނުފޫޒުތަކުން އެއްކިބާވެގެން ތިބެންޖެހޭ ބަޔެއް ކަމަށާއި، ފަނޑިޔާރަކު އަމިއްލަ އަށް ތިމަންނާ މިވެނި މައްސަލައެއް ނިންމީ ބަޔަކު މީހުންގެ ނުފޫޒުންނޭ ބުނާ ހިސާބުން މަގާމުން ޢަޒުލް ކުރަން ޖެހޭކަމަށެވެ.
Comment