ތިނަދޫ އާ އިންޖީނުގޭގެ މަސައްކަތް ނުނިމި ލަސް ލަސްވަނީ ބޮޑު ކޮށް އިސްރާފު ކުރާތީ ކަމަށް ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ޙިލްމީ ވިދާޅުވެއްޖެއެވެ.
ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ މިހެން ވިދާޅުވެފައިވަނީ މީގެ އިރުކޮޅެއް ކުރިން ސޯޝަލް މީޑިއާ ގައި އާންމު ކުރި ޕޯސްޓެއްގައެވެ.
ސައުދުގެ އަމިއްލަ ފޭސްބުން އެކައުންޓުގައި ލިޔުއްވާފައިވާ ލިޔުމުގައި ލާފައިވާ ފޮޓޯ އަށް އިޝާރާތް ކުރައްވަމުން ވިދާޅުވެފައިވަނީ އެއީ 100 މުވައްޒަފުން ބޭނުން ކޮށްގެން އެތައް ހަރަދެއް ކޮށްގެން، 4 މަސް ތެރޭގައި ނިންމުމަށް ވިދާޅުވި ތިނަދޫ އާ އިންޖީނުގޭގެ އިމާރާތް ހުރި ގޮތް ކަމަށާއި 1 އަހަރުވެދާ އިރުވެސް ނުނިމޭ ކަމަށެވެ.
ސައުދުﷲ ހިލްމީ އިތުރަށް ވިދާޅުވެފައިވަނީ މިއީ ރައްޔިތުންގެ ފައިސާ ވާދޫ ސަޢީދު ބޮޑުކޮށް އިސްރާފު ކުރުން ކަމަށާއި ކޮރަޕްޝަންވެސް ނެތް ކަމެއް ނޭގޭ ކަމަށެވެ.
ސައުދު ވިދާޅުވީ މިކަން މިސަރުކާރުން ނުބެލޭނެކަން އިނގޭ ކަމަށާއި ކޮންމެ ވެސް ގޮތަކުން ސަޢީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކަން ނުކުރެވޭ ގޮތް ހަދާފައި ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މިހެން ވިދާޅުވެފައިވަނީ ތިނަދޫ ގައި އާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތަށް ކުރިން ސަރުކާރުން ފަހާފައި ވަނިކޮށް ސަރުކާރު ބަދަލުވެ އެ އިމާރާތުގެ މަސައްކަތް ހުއްޓިފައިވާތާ ގިނަ ދުވަސް ތަކެއްވުމުން އެ އިމާރާތުގެ މަސައްކަތް ހުއްޓާލުމައް ފަހު އާ އިމާރާތެއް މި ސަރުކާރުގެ ފެނަކަ ކުންފުނިން ހަދަން ފަށައިފައިތާ ގިނަ ދުވަސް ތަކެއް ވެފައިވާ ވަޤުތެއްގައެވެ.