ރިޕޯޓް
ދެއްވަދޫ ގޮންގަލީގެ މުޙައްމަދު އަނީސް، ޚިދުމަތްތެރި ބޭފުޅެއް

16 އެޕްރީލް 1941 ގައި އުފެންވެވަޑައިގެން ގއ.ދެއްވަދޫ ގޮންގަލީގެ އަލްފާޞިލް މުޙައްމަދު އަނީސް އަކީ ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނު (ދެއްވަދޫ ދޮން ދަލޭކަ ކަނނބުލޭގެފާނުގެ މަރިޔަމް ކަނބުލޭގެފާނުގެ ދެއްވަދޫ ގަނޑުވަރު ދޮން ދަލޭކަ ކަނބުލޭގެފާނު)ގެ ފުތް ޙަސަންމަނިކުފާނާއި ކޮނޑޭ ޢަލިމަނިކުފާނުގެ ދި ކޮނޑޭދީދީ (ދޮންދީދީ، ނުވަތަ ފާޠިމާދީދީ) އާއި ދެމަފިރިންގެ ފުތް، މުޙައްމަދުދީދީގެ ފުތް، އިބްރާހީމްދީދީގެ ފުތް ޢަބުދުﷲ ދީދީގެ ދި، މަރިޔަމްދީދީގެ ފުތް، މުޙައްމަދު އަނީސެވެ.

މުޙައްމަދު އަނީސް އަކީ ދެއްވަދޫ އާއި ގއ.އަތޮޅަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ތަކެއް ކުރައްވާފައިވާ އަތޮޅުގެ ރައްޔިތުންގެ މެދުގައި އިޚްތިރާމާއި ޤަދަރު ލިބިފައިވާ ބޭފުޅެކެވެ. ދެއްވަދޫގެ ކަމުވޮށިގެންވާ ހަރުދަނާ ޤަދަރުވެރި ޝަޚްޞިއްޔަތެކެވެ. ރައްޔިތުންގެ ލޯއްބާއި އިޙްތިރާމް ލިބިލެއްވެވި ވެރިއެކެވެ. ދެއްވަދޫގައި ހަރުދަނާ ޖީލެއް ބިނާކުރެއްވެވި ހިންގުންތެރި ކަތީބެކެވެ. އޮޑިވެރި ވިޔަފާރި ވެރިއެކެވެ. ތަޢުލީމީ ޤާބިލް ހަރުދަނާ ދަރިންތަކެއްގެ ބައްޕައެކެވެ. އަދި އެހާމެ ހުޝިޔާރު ޚަރުދަނާ އަދުލު އިންސާފުވެރި ޤާޒީއެކެވެ.

މުހައްމަދު އަނީސް އެންމެފުރަތަމަ އަދާކުރެއްވެވި ވަޒީފާއަކީ ދެއްވަދޫ އޮފީހުގެ ކާތީބު ކަމުގެ މަޤާމެވެ. 1963 އިން 1967 ވަނަ އަހަރާ ހަމައަށް ރަށު އޮފީހުގެ ކާތިބު ކަމުގެ މަޤާމުގައި ހުންނަވަނިކޮށް 1968 ވަނައަހަރު ވިލިގިލި ތުއްތުކަތީބުގެ އަތޮޅުވެރި ކަމުގައި އަތޮޅުތެރެއިން ޤާޒީކަން ކިޔެވުމަށް ފޮނުއްވެވި 3 މީހުންގެ ތެރޭގައި މުހައްމަދު އަނީސް ހިމެނުނެވެ.

10 ޖެނުއަރީ 1972 ވަނައަހަރު ގއ.އަތޮޅުގެ ކޯޓް އުފެއްދުމާއެކު އެކޯޓްގެ ޤާޒީކަމަށް މުހައްމަދު އަނީސް ހަމަޖެއްސެވިއެވެ. އޭގެފަހުން ދެއްވަދޫ އާއި ގއ.ކަނޑުހުޅަދޫގެ ޤާޒީކަމުގައި އުޅުއްވެވިއެވެ. 20 އަހަރު ވަންދެން ޤާޒީ ކަމުގެ މަޤާމުގައި އުޅުއްވުމަށްފަހު 1992 ވަނަ އަހަރުން ފެށިގެން 1997 ވަނަ އަހަރާއި ހަމައަށް ދެއްވަދޫ ބޮޑު ކަތީބުގެ މަޤާމު އަދާކުރެއްވެވިއެވެ.

ދެއްވަދޫގެ ތަރައްޤީއަށް މިހާތަނަށް ކުރެވިފައިވާ ބޮޑެތި ހުރިހާ މަސައްކަތްތަކުގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ ދެއްވަދޫ ގޮންގަލި އަލްފާޟިލް މުޙައްމަދު އަނީސްއެވެ. ދެއްވަދޫ ޒުވާނުންތަކެއް އިސްނަގައިގެން އުފެއްދެވި ޒުވާނުންގެ ޖަމްޢިއްޔާގެ ފަހަތުގައި ހުންނަވައިގެން އެޒުވާނުންނަށް ޖަމިއްޔާގެން ކުރިޔަށްދާން ވީގޮތް ކިޔައްދެއްވައި ވަރަށްބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެއްވެވިއެވެ. މުޙައްމަދު އަނީސަކީ ދެއްވަދޫގަ އުފެދުނު ޚަރުދަނާ ޝަޙުސިއްޔަތުތަކުގެ ތެރެއިން ވަރަށް ބޮޑަށް ފާހަގަ ކޮށްލެވޭ ވަރަށް ޚާއްސަ ޝަޙުސިއްޔަތެކެވެ. އިމާމުވެ ހުކުރު ކުރައްވަވައި ޙުޡުބާ ވިދާޅުވެލެއްވި ބޭފުޅެކެވެ.

ދެއްވަދޫގެ ބޮޑު ކަތީބު ކަމުގައި ހުންނަވައިގެން ދެއްވަދޫ މަދުރަސާގައި ޒަމާނީ ތަޢުލީމް ފެތުރެއްވުމަށް އެންމެ އިސްކޮށް ހުންނެވީ މުޙައްމަދު އަނީސްއެވެ. އޭރު ރަށު ބޮޑުކަތީބު އަކީ މަދުރަސާގެ ނާޡިރެވެ. ޕުރިންސިޕަލްއެވެ. މިގޮތުން ދެއްވަދޫ މަދުރަސާގެ ނާޡިރު ކަމުގައި 1992 ޖުލައިން 1997 އަކަށް އުޅުއްވެވިއެވެ. މި މުއްދަތުގެ ތެރޭގައި މިމަދުރަސާއިން ވަނީ އެހާރަށް ބަލާނަމަ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައެވެ.

ގއ.އަތޮޅު، އަތޮޅު ވެރިޔާގެ އެހީތެރިއެއްގެ ގޮތުގައި ގިނައަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވެވި ގއ.ވިލިނގިލި އަދުނާން ހަލީމް ވިދާޅުވި ގޮތިގައި މުޙައްމަދު އަނީސް އަކީ ދެއްވަދޫގައި ތަޢުލީމީ ޖީލެއް ބިނާކުރެއްވުމަށް ވަރަށް ބުރަ މަސައްކަތެއް ކުރެއްވެވި ބޭފުޅެކެވެ. މީގެ އިތުރުން މީހުން ހޭލުންތެރި ކުރުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރެއްވެވިއެވެ. ރަށުގެ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވައިގެން އުޅުއްވެވި ބޭފުޅެއް ކަމަށެވެ.

ގއ. ދެއްވަދޫގެ ޤާޒީ ކަމާއި ގއ.ވިލިނގިލި ކަތީބުކަން ކުރެއްވެވި ގއ.ވިލިނގިލި އަލްފާޟިލް އިބްރާހިމް އަނީސް ވިދާޅުވި ގޮތުގައި މުޙައްމަދު އަނީސްއަކީ އަތޮޅުގެ ރަށްތަކުގެ ވެރިންނާއި ގުޅިގެން އަތޮޅާއި ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރެއްވެވި ހީވާގި ވިސްނުންތެރި ވެރިޔެއްކަމަށެވެ. ތަޢުލީމަށް މީހުންގެ ހިތްތަކުގައި ލޯބި ޖެއްސެވުމަށް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ. މެހުމާނުނަށް ކަމޭހިއްތެވި ހިތްހެޔޮ ވެރިޔެއްކަމަށެވެ

ދެއްވަދޫ ކައުންސިލް އިދާރާގައި ކައުންސިލަރެއްގެ ގޮތުން އަޅުގަނޑު އުޅުނިއިރު އޮފީހުގެ އިހުގެ ލިޔެކިޔުންތަށް ބަލައި ކިޔަމުން ދިޔައިރު އެންމެ ބޮޑު ޝައުޤުވެރި ކަމެއް ހުއްޓުނީ އޭރުގެ ރަށްކުރިއަރުވާ ކޮމެޓީގެ ރިޕޯރޓްތަކެވެ. މުހައްމަދު އަނީސްގެ ކަތީބު ކަމުގައިގައި ރަށްކުރިއަރުވާ ކޮމެޓީގެ ރައީސްގެ ޙައިސިއްޔަތުން އެޖެންޑާ ކޮށްފައިވާ ރަށާއި ގުޅޭ ކަންކަމަކީ ރަށުތަރައްޤީ އާއި ގުޅުންހުރި ބޮޑެތި ކަންތައްތަކެވެ.

މީގެ ތެރެއިން ފާހަގަ ކޮށްލެވޭ ކަންތައްތަކަކީ ރަށުގައި ކަރަންޓުގެ ހިދުމަށް ފޯރުކޮށްދިނުމަށް ރަށްކުރިއަރުވާ ކޮމެޓީއަށް އެޖެންޑާ ކޮށްގެން ކޮމެޓީގެ މެންބަރުންގެ ހިޔާލާއި އެއްގޮތަށް އެކަންކޮށް އެކަން ޙާސިލް ކުރެއްވެވިއެވެ. ރަށު މަދުރަސާގެ އިނގިރޭސީ ކިޔަވައިދުނަމަށް ބޭރުގެ ޓީޗަރަކު ގެނައުމަށް އެކަންވެސް އެޖަންޑާކޮށް މެންބަރުންގެ ހިޔާލާއި އެއްގޮތައް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ރައްޔިތު މަސައްކަތަށް މީހުންނެރެ ޖޯޝާއި ފޯރީގައި ދެއްވަދޫގައި އެޅި ފާލަމަކީވެސް ފާހަގަ ކޮށްލެވޭ މަސައްކަތެކެވެ.

ރަށު ރައްޔިތުންގެ މެދުގައި ސްލްޙަ މަސަލަސް ޤާއިމްކުރުމަށް ރައްޔިތުން އެއްކުރައްވަވައި ނަސޭހަތްތެރިވެދީ ހެއްދެވިއެވެ. ރަށުގެ ގޮނޑުދޮށްތަށް ސާފްތާޙިރުކޮށް ބޭއްވުމަށް މީހުން ހޭލުންތެރި ކުރެއްވެވިއެވެ. ރަށްގިރުވުން ހުއްޓެވުމަށް ސަރުކާރުގައި ދަންނަވައިގެން މަސައްކަތްތަކެއް ކުރެއްވެވިއެވެ.

އާއިލާ

މުހައްމަދު އަނީސްގެ އެއްބަފާ 5 ބޭފުޅުން ތިއްބަވައެއް އެއީ، ވާރުލޫ ގައްދޫ މަރްޔަމްދީދީގެ ހައްވާދީދީ އާއި ބޮޑު މުކުރިޔާގެ ސަންފާދީދީ އާއި މުހުދިޔާ(މުހައްމަދު)ގެ ހަސަނާގެ 5 ބޭފުޅުންނެވެ

  • މުހައްމަދު އަނީސް / ގޮންގަލި
  • އަބްދުލްކަރީމް / އެވަރލާސްޓް( ނިޔާވެފައި) އެއްބަނޑު އެއްބަފާ
  • ޚަދީޖާ ކައްދާމަނިކެ / ނިވެލްޓީ
  • މަރިޔަމް މަނިކެ / ވެސްޓްވާރޑް
  • މުޙައްމަދު މަނިކު / ތަޑިރަށްމާގެ

މުޙައްމަދު އަނީސް ދެއްވަދޫ އާއި ގއ. އަތޮޅަށް ކޮށްދެއްވި އަގުނުކުރެވޭ ޚިދުމަތްތަކަށް ޝުކުރުގެ ޖިޒީތައް ފޮނުވަމެވެ. މަތިވެރި ﷲ މުޙައްމަދު އަނީސް އަށް ދުޅަހެޔޮ ސިއްހަތެއް ދެއްވަވާށި. އާމީން

  1. މުހައްމަދު އަނީސް ނުވަތަ ދެއްވަދޫ އަނީސް އަކީ ކުދި ބޮޑު އެންމެނާ ގުޅޭ ވަރަށް ހިންގުންތެރި އަދި ވަކިން ހާއްސަކޮށް އަތޮޅުގެ އެހެން ރަށްތަކާ ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި ހަރުދަނާ ވެރިއެއް، އަދި އަތޮޅުގެ އެންމެންގެ އިހްތިރާމް ލިބިގެންވާ ޝަހްސިއްޔަތެއް.