ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ހާއްސަ ޖަލްސާއެއް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމައިފައިވާ ޖަލްސާގެ ނަމަކީ “އައްޑަނަ” ކަމަށެވެ. އަދި މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 03 ސެޕްޓެމްބަރ 2021 ވާ ހުކުރު ދުވަހުގެރޭ 08:15 ގައި އަލިމަސްކާނިވަލުގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ޖަލްސާއަށް “އައްޑަނަ” ނަން ދިނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލި، އިސްލާމްދީނަށް ފުރައްސާރަކޮށް، އަދުލު އިންސާފުގެ ތެރެއަށް އަތްބާނާ ފަދަ ކަންތައްތަކާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅުވައިގެން ކަމަށެވެ. އަދި މި ޖަލްސާގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ގުޅުންހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ސަރުކާރާ ހަމަޔަށް ތިލަކުުރުން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ހޯދުމަށް މިހާރު އެދިފައިވާނެ ކަމަށާއި ކޮވިޑާއި ގުޅިގެން މިހާރު ޖަލްސާތައް ބޭއްވުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖަލްސާގައި ބައިވެރިވުމަށް ފުރުސަތު އޮތް ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.