ރިޕޯޓް
ދަރިން ތަރުބިއްޔަތު ކުރުމުގެ ފަންނު
ހަނދާނަށް އަންނަނީ ރަށު އިސްކޫލު ގްރޭޑް ފަހެއްގައި އުޅުނު ދުވަސްވަރެވެ. ފެންވަރާ ވަޅަށް ވެއްޓި ކުޑަކުދިން މަރުވުމުގެ ހާދިޘާތަށް ހިގާލެއް ގިނަކަމުން ސަރުކާރުން ވަރަށް ހަރުކަށި ނިންމުމެއް ނިންމިއެވެ. އެއީ ކޮންމެ ގެއެއްގެ ވަޅު 03 ފޫޓަށް އުސްކުރުމެވެ. ހަމަ އެއަހަރު އެޑިއުކޭޝަން މިނިސްޓްރީންވެސް ވަރަށް ހާއްސަ ނިންމުމެއް ނިންމިއެވެ. އެއީ ކޮންމެ ނަމާދު ވަގުތެއްގައި ހުރިހާ ދަރިވަރުން ޓީޗަރަކާއި އެކު ނަމާދަށް ގެންދިއުމާއި ނަމާދު ހާޒިރީ ނެގުމެވެ. އަދި ގްރޭޑް ފަހަކުން މަތީ ގްރޭޑް ތަކުގެ އަންހެން ކުދީންގެ ޔުނީފޯމަށް ބުރުގާވެސް އިތުރު ކުރެވުނެވެ.

ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނާއި ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. މިއަމާނާތަށް ރައްކާތެރިވުމަކީ ވާޖިބެކެވެ. މިވާޖިބު އަދާކުރުމަށްޓަކައި ވަރަށް ބުރަ މަސްއޫލިއްޔަތު އުފުލަންޖެހެއެވެ. ޙަޤީޤަތުގައި މިބުރަ މަސްއޫލިއްޔަތަކީ، ދަރިންނަށްދެވޭ ތަޢުލީމާއި ތަރްބިއްޔަތެވެ. ތައުލީމަކީ، ތަރްބިއްޔަތާއި ވަކިކުރެވިދާނެ މާނައެއް އެކުލެވިފައިވާ އެއްޗެއް ކަމުގައިވިޔަސް ނާދިރު ފަހަރެއްގައި މެނުވީ ތައުލީމާއި ތަރުބިއްޔަތު ދަތުރުކުރާނީ ހަމައެކުއެކީގައެވެ. ތަޢުލީމަކީ އުނގެނުމާއި އުނގައްނައި ދިނުންކަން ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ. އެހެނީ ފަތަން ދަސްކޮށް ދިނުމާއި ތީރުއުކަން ދަސްކޮށްދިނުމާއި އަސްދުއްވަން ދަސްކޮށް ދިނުމަކީ އިސްލާމް ދީނުގައި ދަރިންނަށް އުގަންނައި ދިނުމަށް އަންގަވާފައިވާ ކަންކަމެވެ.

ތަރުބިއްޔަތަށްވުރެ ތަޢުލީމަށް ބާރުއަޅައި، އެކަމަށް އަމާޒު ކުރެވިފައިވާލެއް ބޮޑުކަމުން ދަރިވަރުންނަށް ތަޢުލީމު ލިބިގަންނަން ފަސޭހައެވެ. އެހެނީ، ދަރިން ގާތުގައި މައިންބަފައިން ބުނެއުޅެނީ “ދަރިފުޅާއެވެ! ކިޔަވާށެވެ! ކިޔަވައި ނިމިގެން ކުޅުނަސް، އެހެންކަމެއް ކުރިޔަސް މައްސަލައެއްނެތެވެ.” މިފަދަ ގޮތަކަށެވެ. އަދި ހަމަ އެހެންމެ ދަރިފުޅު ސްކޫލަށް ބަރާބަރަށް ދިއުމާއި ފިލާވަޅުތަށް ބަރާބަރަށް ހަދާ ނަމަ އުޅޭ ނޫޅޭގޮތް ބަލާކަށްވެސް ބައެއް މައިންބަފައިން ބޭނުން ނުވާކަން ފާހަގަ ކުރެވެއެވެ. މިހެން ވުމުން ދަރިންގެ ތަރްބިއްޔަތަށް ކުރާނީ ކޮންކަހަލަ އަސަރު ތަކެއްކަމެއް މައިންބަފައިން ނުވިސްނައެވެ.

ތަރްބިއްޔަތަކީ ކުދިންގެ ކިބައިގައި ހަރުލައްވަން ބޭނުންވާ އަޙްލާޤީ ސިފަތަކެވެ. މިއީ ކުރިން ބުނެވުނު ފަދައިން ތަޢުލީމާއި ގުޅިފައިވާކަމެކެވެ. ގިނަފަހަރަށް ދަރިވަރުން އަމިއްލައަށް ތަރްބިޔަތު ލިބިގަނެއެވެ. ތަރްބިޔަތުގެ ބައިތައް ދަރިވަރުން ލިބިގަންނަނީ ފެންނަ ކަންތައް ތަކުންނާއި، ދެއްކޭ ނަމޫނާއިންނާއި، ލިބޭ ބައެއް މަޢުލޫމާތުގެ އަލީގައެވެ. އަދި ބައެއް ކަންކަމަށް ހާނުވައި އާދަ ކުރުވައި ގެންނެވެ. މިސާލަކަށް ގޭތެރޭގެގައި މައިންބަފައިންގެ ކިބައިން ފެންނާނެއެވެ. ކުއްޖާ ނުރުހުނަސް ކުއްޖާ ގޮވައިގެން ނަމާދުކުރަން މިސްކިތަށް ދިއުން އާދައަކަށް ހެދުމުން، ކުއްޖާގެ ކިބައިގައި އެކަން ހަރުލައެވެ. ވުމާއެކު އެހެން މާޙައުލެއްގައި ދިރިއުޅެން ޖެހުމުން ނަމަވެސް އެކުދިންގެ ކިބައިން އެފަދަ ކަންތައްތައް ފެންނާނެއެވެ. މުޖްތަމަޢުގެ ތެރެއިން ފެންނަ ކަންތައްތައް ހަމަ އެފެނުނުގޮތަކަށް ނަކަލު ކުރުމީ ވެސް ޅަޒުވާން ޖީލުގެ އާދައެކެވެ. ސްކޫލުންނާއި ޓީޗަރުންގެ ފަރާތުން ފެންނަ ކަންތައްތައް ފެނުނު ގޮތަކަށް ނަގައިގަނެއެވެ. މިއީ ޙަޤީޤަތެކެވެ.

ވީއިރު ދަރިން ހާނުވަން ޖެހެނީ ރަނގަޅު ކަންކަމަށެވެ. އެކުދިންގެ ކިބައިގާ ހަރުލައްވަން ޖެހޭނީ ރަނގަޅު އާދަތަކެވެ. ޤްރުއާނުގައި ތަރުބިޔަތުގެ ވާހަކަ އައިސްފައި އެވަނީ ކިޔެވުމާއި ވިދިގެންނެވެ.

Comment