ވިޔަފާރި
އެމްޓީސީސީގައި ތަމްރީނު ހޯދުމުގެ ފުރުސަތު، 5،000ރ. ގެ އެލަވެންސަކާއި އެކު

އެމްޓީސީސީން ކުރިއަށް ގެންދާ “ހުނަވަރު” ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމުގެ ދަށުން އެމްޓީސީސީގެ ކޮންސްޓްރަކްޝަން ސައިޓުތަކުގެ އެސިސްޓެންޓް ސުޕަވައިޒަރުންނާއި މަގު ހެދުމުގެ މަޝްރޫއުތަކަށް ބޭނުންވާ މުވައްޒަފުންނާއި ވެލްޑިން ދާއިރާ އިން މުވައްޒަފުން ތަމްރީނު ކުރާނެ އެވެ.

މި ތަމްރީންތަކަށް ފަހު އެމްޓީސީސީގެ އެކި ވަޒީފާތަކަށް އެ މުވައްޒަފުން ނަގާނެ އެވެ.

އަންނަ އޮގަސްޓު މަހުގެ 15 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ އެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ މީހަކަށް އެލަވެންސްގެ ގޮތުގައި މަހަކު 5،000ރ. ލިބޭނެ އެވެ. ތަމްރީނު ހާސިލް ކުރަނީ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ކަމަށްވާ ނަމަ ހުރުމާއި ކެއުމުގެ ހަރަދު ވެސް އެމްޓީސީސީން ހަމަޖައްސައިދޭނެ އެވެ.

އެ ކުންފުނިން މި ފަހަރު ހުޅުވައިލި 50 ފުރުސަތުގައި ހިމެނެނީ ކޮންސްޓްރަކްޝަން ސައިޓުތަކުގެ އެސިސްޓެންޓް ސުޕަވައިޒަރުންގެ މަގާމަށް 30 ޖާގަ، މަގު ހެދުމުގެ މަޝްރޫއުތަކަށް 10 ޖާގަ އަދި ވެލްޑިން ދާއިރާ އިން 10 ޖާގަ އެވެ.

ކުށުގެ ރެކޯޑު ނެތް އުމުރުން 18-25 އަހަރާ ދެމެދުގެ ކޮންމެ މީހަކަށް ވެސް އެމްޓީސީސީގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ.