ޚަބަރު
ތިނަދޫ އާބާދީ 55 ގެ ޚާއްޞަ ފުޓްބޯޅަ މެޗްގައި ކުޅެން ބޭނުންތަ

ތިނަދޫ އާބާދީ 55 ގެ ޚާއްޞަ ފުޓްބޯޅަ މެޗްގައި ކުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ތިނަދޫ ކައުނަސިލުން މި ފުރުސަތު ހުޅުވާލާފައި ވަނީ އެ ކައުންސިލްގެ ޕޭޖް މެދުވެރިކޮށް މިއަދު ރަށު ބަހުން ލިޔެ އާންމު ކޮއްފައި ދައުވަތެއްގައެވެ.

ތިނަދޫ ކައުނަސިލުން ވިދާޅުވީ ތިނަދޫ އަށް 2 ވަނަ ފަހަރަށް މީހުން އާބާދު ވާން ފެށިތާ 55 އަހަރު ފާހަގަ ކުރުމަށް ބާއްވާ ހަރަކާތްތަކުގައި ހިމެނޭ ފުޓްބޯޅަ މެޗްގައި ކުޅުމަށް ބޭނުންކުރާ ޖާޒީ ކައުންސިލުން ދޭނެ ކަމަށާއި މިއީ ވީހައިވެސް ބޮޑަށް އާންމުނަށް ހުޅުވާލައިގެން ބާއްވާ މެޗެއް ކަމަށެވެ.

ފެށޭ މަހުގެ 9 ވަނަ ދުވަހުގެ ހަވީރު ތިނަދޫ ބޯޅަ ދަނޑުގައި ބާއްވަން ޝެޑިއުލް ކޮއްފައިވާ މި މެޗު ގައި ޖުމުލަ ކުޅުމަށް ހަމަޖެހިފައި ވަނީ 55 މިނެޓެވެ. އަދި މޮޅުވާ ޓީމަށް ރަމްޒީ އިނާމެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ 55 ރުފިޔާއެވެ. ތިނަދޫ އަށް 2 ވަނަ ފަހަރަށް މީހުން އާބާދު ވާން ފެށި ދުވަސް ރަސްމީ ސިފައެއްގައި ފާހަގަ ނުކުރާ 30 އަހަރު ފަހުން އެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ބާއްވުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޓްބޯޅަ މެޗުގައި ކުޅެން ބޭނުންވާ ފަރާތްތަކުން 9862003 ނަންބަރު ފޯނަށް ގުލާ ނަން ނޯޓު ކުރުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެއވެ.

ތިނަދޫގެ 2 ވަނަ އާބާދީ ދުވަހަކީ އޮގަސްޓް 22 ވަނަ ދުވަހެވެ. 55 ވަނަ އާބާދީ ދުވަސް އޮގަސްޓް 22 ވަނަ ދުވަހު ފާހަގަ ކުރުމަށް ތައްޔާރު ވަމުން ދަނިކޮށް ތިނަދޫ އިން ކޮވިޑް 19 ގެ ކޭސް ތަކެއް ފެނިގެން މޮނީޓަރިންގ ހާލަތަށް ގެންގޮސްފައިވާތީ އެ ތާރީޚުގައި ވަނީ ބޭއްވޭގޮތް ނުވެފައެވެ. ނަމަވެސް މިހާރު ރަށް ވަނީ މޮނީޓަރިންގ ހާލަތު ނަގާފައެވެ. އެހެންކަމުން މިހާރު އާބާދީ 55 ފާހަގަ ކުރުން ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރ 9 ކުން ފެށިގެންނެވެ.