މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިންމީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ފުވައްމުލަކުން މާލެއަށް ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން 34 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވިފައިވާ ކަމަށެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް މީޑިޔާއަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ފުވައްމުލަކު އެއަރޕޯޓަށް އެއްޗެއް ކާގޯ ކުރަން ދިޔަ މީހަކު އޭނަގެ ރައްޓެއްސަކާ ދެކެވުނު ވާހަކައެއްގެ ތެރޭގައިތިން ފަހަރެއްގެ މަތިން ބުނެފައިވަނީ އެފްލައިޓް ހައިޖެކް ކުރާނެ ކަމަށެވެ. އޭރު އެފްލައިޓް ފުރަން ތައްޔާރުވެފައި އޮތް ކަމަށް އެމީހާ ވަނީ މައުލުމާތު ދީފައެވެ.
ހަމައެއާއެކު ފްލައިޓުން މާލެ ފުރަން ތައްޔާރުވެފައިވާ ޕަސެންޖަރުން ބާލުވައި ފްލައިޓް ވަނީ ހުސްކޮށްފައެވެ. ފުލުހުން އެމީހާ އާސުވާލުކުރުމުން އެމީހާ ބުނެފައިވަނި އެއީ މަޖަލަކަށް ބުނެފައިވާ އެއްޗެއް ކަމަށެވެ.
އެހެންނަމަވެސް ރާއްޖޭގެ ޤާނޫނުގައިވާ ގޮތުން ފުރާދުއްވާ އެއްޗެއް ހައިޖެކް ކުރުން ނުވަތަ ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިނުމަކީ ވެސް ޓެރަރިޒަމްގެ އަމަލެކެވެ. މިފަދަ ކަމެއްގެ އިންޒާރުދިނުމަކީ ނުވަތަ އެފަދަ ޢަމަލެއް ހިންގަފާނެކަމުގެ ބިރުދެއްކުމަކީ ހަތަރު އަހަރު ދުވަހާއި ހައަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ.