އިންޑިޔާއަށް އުފަން މަންޕްރީތް ސިންގް އަކީ އުމުރުން 26 އަހަރު ފުރިފައި ވީނަމަވެސް، ކުޑަކުއްޖެއްގެ ހަށިގަނޑުގައިވާ ޒުވާނެކެވެ.
1995 ވަނަ އަހަރު އިންޑިޔާއަށް އުފަންވެފައިވާ މަންޕްރީތް ސިންގް ގެ 26 ވަނަ އުފަންދުވަސް މައިންބަފައިން ފާހަގަކޮށްފައި ވީނަމަވެސް، ފެންނަ ފެނުމަށް މަންޕްރީތް ސިންގ އަކީ 6 މަހުގެ ކުޑަކުއްޖެކެވެ.
26 އަހަރު ފުރުނުއިރުވެސް މަންޕްރީތްގެ އިސްކޮޅަކީ އެންމެ 23 އިންޗް އެވެ. މަންޕްރީތަށް ކުރިމަތިވެފައިވާ ސިއްޙީ މައްސަލަޔަކީ، ގިނަ އަދަދެއްގެ ސިއްޙީ މާހިރުންނަސް ވަރަށްބޮޑު ހައިރާންކަމެއް ކުރިމަތި ކުރުވާ ކަމެކެވެ. ގިނަ ޑޮކްޓަރުން އެއްބަސްވާގޮތުގައި މަންޕްރީތް އަށް ކުރިމަތިވެފައިވަނީ، ގްރޯވްތް ހޯމޯން ޑެފިސިއެންސީގެ މައްސަލައެކެވެ. މަންޕްރީތް 1995 ގައި އުފަންވެފައި ވީނަމަވެސް، ތުއްތު އުމުރުގައި، ގްރޯވްތް ހޯމޯން ނުވަތަ ހަށިގަނޑުގައި ހެދިބޮޑުވުމަށް ބާރުއަޅައިދޭ މާއްދާ މަދުވުމުން، ހެދިބޮޑުވުން އެއްކޮށް ވަނީ ހުއްޓިފައެވެ. މިގޮތުން މަންޕްރީތަށް ހިގައި ބިގައި ނުއުޅުމުގެ އިތުރުން، ވާހަކަވެސް ދައްކަން ނޭނގެއެވެ. މުޅި ހަށިގަނޑުގެ ހެދިބޮޑުވުން ހުއްޓިފައިވާއިރު، މަންޕްރީތްގެ ސިކުނޑިވެސް އުފެދި ތަރައްޤީވެފައިވަނީ، އުމުރުން ހަމަހުގެ ކުއްޖެއްގެ ސިކުނޑި އުފެދި ތަރައްޤީވެފައި ހުންނަންޖެހޭ މިންވަރަށެވެ.

މަންޕްރީތް ކޮއްކޮމެންނާއެކު
މަންޕްރީތްގެ އާއިލާއަކީ އެހާ ފޯރުންތެރި އާއިލާއަކަށް ނުވުމުން، ދަރިފުޅަށް ކުރިމަތިވެފައިވާ ސިއްޙީ ހާލަތަށް ކުރިއެރުމެއް ހައްލެއް ނުލިބި 26 އަހަރު ވޭތުވީއެވެ. މަންޕްރީތް ދިރިއުޅޭ ސަރަހައްދުގެ އަވަށްޓެރިންނާއި، އެ ސަރަޙައްދަށް ދަތުރުކުރާ ތަފާތު ފަތުރުވެރިން މަންޕްރީތް ދެކިލުމަށް ޒިޔާރަތްކުރެއެވެ. ގިނަބަޔެއްގެ މަޤްބޫލުކަން މަންޕްރީތަށް ލިބިފައިވާއިރު، އަވަށްޓެރިން މަންޕްރީތަށް “ބާބާ”ގެ ނަމުން ނިސްބަތްކޮށް އުޅެއެވެ. މިފަދަ ނަންނަމަކީ، ހިންދޫން އެމީހުން އަޅުކަންކުރާ ފައްޅިތަކުގައި ދިރިއުޅޭ ފާދިރީންނަށް ނިސްބަތްކޮށް ބޭނުންކުރާ ނަމެކެވެ. މަންޕްރީތް ދިރިއުޅޭ ސަރަޙައްދުގެ ބައެއްފަރާތްތަށް ދެކޭގޮތުން މަންޕްރީތަކީ އެމީހުންގެ ކަލާނގެތަށް ފުނުވާފައިވާ ޚާއްސަ ފަރާތެކެވެ. ގިނަ އަދަދެއްގެ އަވައްޓެރިން މަންޕްރީތަށް އިޙްތިރާމް އަދާކުރުމަށް އެގެއަށް ޒިޔާރަތްކުރެއެވެ.
ފާއިތުވީ 26 އަހަރުގައިވެސް، މަންޕްރީތުގެ މަންމަ އާއި ބައްޕަ ފޫހިކަމެއްނެތި، މަންޕްރީތްގެ ބެލެހެއްޓުމުގެ ޒިންމާ ފުރިހަމަޔަށް އަދާކުރެއެވެ. މަންޕްރީތުގެ ކޮއްކެމެންނަށް ވުރެ މަންޕްރީތް ކުޑަނަމަވެސް، އާއިލާގެ ހުރިހާ މެމްބަރުންގެ އިތުރުން އަވައްޓެރިންގެ ލޯބި މަންޕްރީތަށް ލިބިފައި ވެއެވެ. އުމުރުން 26 އަހަރުވެފައިވާ ޒުވާނެއް ކަމުގައި މަންޕްރީތް ސިންގް ވެފައި، 6 މަހުގެ ކުޑަކުއްޖެއްގެ ގޮތުގައި މަންޕްރީތް ފެނިގެން ދިޔަނަމަވެސް، މަންޕްރީތަކީ އާއިލާއާއި އެއްކޮށް ދިރިއުޅެމުން އަންނަ އުފާވެރި ކުއްޖެކެވެ.