ޚަބަރު
ކަނޑުހުޅުދޫގެ މޮނިޓަރިން ހާލަތު އުވާލައިފި

ގއ ކަނޑުހުޅުދޫގެ މުޖުތަމައު ތެރެއިން ކޮވިޑްގެ ކޭސްތަކެއް ފެނި އެރަށް މޮނިޓަރިން އަށް ލާފައި އޮންނަތާ 12 ދުވަސް ފަހުން މޮނިޓަރިން ހާލަތު އުވާލައިފިއެވެ.

ކަނޑުހުޅުދޫގެ ކައުންސިލްގެ ރައީސް ތޯރިގު އަފީފް ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮވިޑްގެ ކޭސްތަކުގެ ގޮތުގައި ފުރަތަމަ ފެނުނު ނުވަ މީހުންނަށްފަހު އިތުރަށް ބަލި ފެތުރުނަނުދީ މޮނީޓަރިންގ ޙާލަތު އުވާލެވުނީ މުޅި ރަށުގެ ރައްޔިތުންނާއި ސިއްހީ މަރުކަޒުާއި ގއ އަތޮޅު ހޮސްޕިޓަލުން ކައުންސިލަށް ދެއްވި އެއްބާރުލުމުގެ ނަތީޖާއެއްގެ ގޮތުންކަމަށެވެ.

ތޯރިގު ވިދާޅުވީ މިވަގުތު އެރަށުން ކޮވިޑް ބައްޔަށް ފައްސިވި މީހުން ތިބީ ކަރަންޓީނުގައި ކަމަށާއި، އެކޭސް ތަކާއި ގުޅިގެން އިތުރު ފަރާތެއް ފައްސިވެފައިނުވާތީ މިއަދު ހެނދުނު ވަނީ މޮނިޓަރިންގ ހާލަތު ނަގާފައިވާ ކަމަށެވެ.

ކޮވިޑް ކޭސްތަކެއް ކަނޑުހުޅުދޫއިން ފެނުމާއެކު އެރަށް ވަރަށް އުނދަގޫ ހާލަތަކަށް ދިޔަ ކަމަށާއި، ސަބަބަކީ ހުރިހާ ކައުންސިލަރުން ކަރަންޓީނަށް ދާންޖެހުމުންނާއި، ސިއްހީ މަރުކަޒުގެ ހުރިހާ މުވައްޒަފުންވެސް ކަރަންޓީނުވާން ޖެހުމުންނެވެ. އެކަމަށް ލުޔެއް ލިބިފައިވަނީ، ގއ ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގެ ޓީމެއް އައިސް އެރަށުގައި ކުރި މަސައްކަތުން ކަމަށެވެ.

ގއ ކަނޑުހުޅުދޫ މޮނިޓަރިން އަށް ލާފައިވަނީ އެރަށުގެ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އޮގަސްޓް 19 ވަނަ ދުވަހުއެވެ.