މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭގެ މައްސަލަ ޙައްލު ނުވެ ދިގުލައިގެން ދަނީ ދެރަށުގެ ރައްޔިތުންވެސް އަދި މެމްބަރުގެވެސް މައްސަލައެއް ނޫން ކަމަށާއި، މިއީ މިއަދުގެ ސަރުކާރުގެ ދޯހަޅިކަމުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ އާއި ހޯނޑެއްދޫ އުތުރު ފަރާތުގެ ބިމުގެ ބޮޑުބައެއް ހަލާކުވަމުންދާ މައްސަލައާއި ގުޅިގެން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ނިމުނުއިރު މަސައްކަތް ކުރެވިފައިވާ ހިސާބަކީ މަސައްކަތުގެ ނިމުން ނޫން ކަމަށާއި އެޕްރޮޖެކްޓްގެ ތެރޭގައި ހޯނޑެއްދޫ ހިމާޔަތް ވާހެން ރިވެޓްމަންޓެއް ލުމަށްވެސް ހިމެނޭ ކަމަށެވެ.
“ސަރުކާރު ބަދަލުވިޔަސް މަޝްރޫއު ހިގަންޖެހޭ. އަދި މައްސަލައެއް އުޅޭނަމަ އެކަންވެސް ސަރުކާރުން ހައްލުކުރަން ޖެހޭނެ.” މުއާޒް ވިދާޅުވިއެވެ.
މުއާޒް އިތުރަށް ވިދާޅުވީ ހޯނޑެއްދޫއާއި މަޑަވެލީގެ ކޯޒްވޭ ނައްތާލައިފިނަމަ ދެރަށުގެ ގުޅުމަށްވެސް ބޮޑު ހުރަހެއް އެޅިގެންދާނެ ކަމަށާއި ކުރިމަގަށް ވިސްނާއިރު އެކަން ވާނީ ހައްލުކުރަން އުނދަގޫ ވާނެ ކަމެއް ކަމަށެވެ. ހަމައެހެންމެ ހޯނޑެއްދޫ ކައުންސިލުން ހައްލު ހޯދުމަށް ސަރުކާރުގައި އެދެމުންދާ އެދުމަށް ޖަވާބުދާރީވާން އެބަޖެހޭ ކަމަށާއި މިއަދާ ޖެހެންދެންވެސް ސަރުކާރުން ޑިސިޝަނެއް ނަގާފައި ނުވާކަމަށް ކައުންސިލާއި މެމްބަރު ބުނުމަކީ މިދެންނެވި ބަހުގެ ހެކި ކަމަށެވެ.
މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ އޭގެ އަސްލާއެއްގޮތަށް ނިންމިނަމަ މިއަދު އެމައްސަލަތައް ފެންމަތި ވުމުގެ ފުރުސަތު ކުޑަވާނެ ކަމަށާއި ޒަމާނާ އެއްގޮތަށް ތަރައްގީ ކުރެވިއްޖެ ނަމަ އެތަނާ މުޅި ސަރަހައްދު ވާނީ ވަރަށް ހިތްގައިމު ތަނަކަށް ކަމަށެވެ.
“އަޅުގަނޑުމެން ދެރަށުގެ މީހުންވެސް ބޭނުންވަނީ ދެމެހެއްޓެނިވި ތަރައްގީ. އެކަން ކުރާނީ ސަރުކާރުން. އެފަދަ މަޝްރޫއުތަކަށް ކައުންސިލްތަކުން ކުރެވޭނެ ކަމެއް ނޯންނާނެ. ކަމެއް ދިމާވުމުން ޒިންމާދާރު ކަމާއެކު ހައްލު ހޯދާނީވެސް ހަމަ ސަރުކާރުން.” މުއާޒު ވިދާޅުވިއެވެ.
މަޑަވެލި-ހޯނދެއްދޫ ކޯޒްވޭ އަކީ މިވަގުތު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ. ކައުންސިލްތަކާ ދާއިރާގެ މެމްބަރުވެސް ވަނީ މިމައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ވިދާޅުވެވިދާނެ ތިބުނާރިވެޓްމެންޓް ޖަހަންއޮތީ އެހެންތަނެއްގަ 100 ރިވެޓް މެންޓް ބަރިބަރިއައް އަދިމަތިމައްޗައް ޖެހިޔަސް ތި ކޯޒުވޭ ދެމިއޮތުން އެއީ ނުވާނެ ކަމެއް