މީހުންގެ ފޯނުތައް ހެކްކޮށްގެން އޭގައި ހުރި ބަރަހަނާ ފޮޓޯތަކެއް ޓެލެގްރާމްގައި ހިންގި މީހެއްގެ ހާޑް ޑްރައިވްގައި މިލިއަނަށްވިރެ ގިނަ ބަރަހަނާ ފޮޓޯތައް ހުރިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މީހުންގެ ފޯނުތައް ހެކްކޮށްގެން އޭގައި ހުރި ބަރަހަނާ ފޮޓޯތައް ހިމަނައިގެން ޓެލެގްރާމް ގްރޫޕެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މއ.އިސްޕަންޖުގެ، މަސާއިދު (36) ކަމަށެވެ.
އޭނަ ގެންގުޅޭ ހާޑް ޑްރައިވްތަކުން މިލިޔަނަށްވުރެ ގިނަ ބަރަހަނާ ފޮޓޯތަކާއި މީހުންގެ ޕާސަނަލް ފައިލްތައް ވަނީ ފެނިފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މަސާއިދުގެ ބަންދަށް ކްރިމިނަލް ކޯޓުންވަނީ އިތުރު 6 ދުވަސް ޖަހާފައެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ދިޔަ ބަންދުގެ މުއްދަތުގެ މަޖިލީހުގައި ފުލުހުން ވިދާޅުވެފައިވަނީ މަސާއިދުގެ އޮފީހުން ދެހާޑް ފެނިފައިވާއިރު އޭނަ ދިރިއުޅޭ ގެއިން ހަތް ހާޑް ޑްރައިވް ފެނިފައިވާ ކަމަށާއި އެޑްރައިވްތަކުގައި މިލިޔަނަށްވުރެ ގިނަ ފޮޓޯ ހުރިކަމަށެވެ. އެހެންނަމަވެސް ވަކި އަދަދެއް ސީދާ ހާމަކޮށްފައި ނުވެއެވެ.
މިފޮޓޯތައް ޓެލެގްރާމް ގްރޫޕެއްގައި ޝެއަރކޮށް އެގްރޫޕް ހިންގާފައިވާ ކަމުގެ ސްކްރީން ޝޮޓްތަކެއް ފުލުހުން ވަނީ ހޯދާފައެވެ.
މިމައްސަލަ އިއްޔެ ކްރިމިނަލް ކޯޓުގައި ހިގަމުންދިޔައިރު މަސާއިދުގެ ވަކީލް ވަނީ މަސާއިދުއަށް ލުޔެއް ދޭން އެދިފައެވެ. އެހެންނަމަވެސް ކޯޓުން ވަނީ މަސާއިދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.