ކޮލަމް
ދޮގުބުނެގެން ދަރިންގެ މޫނަށް ހިނިތުންވުން ގެނައުން

ދޮގުބުނެގެން ދަރިންގެ މޫނުމައްޗަށް ގެނެސްދޭ ހިނިތުންވުމަށްވުރެ، ތެދުއްބުނެގެން އެކުދިންގެ ލޮލުން ފައިބާ ކަރުނައިގެ ހެޔޮކަމާއި މާތްކަން ބޮޑެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި، ކުދިން ހިތުގައި ނުޖައްސައި، ދެރަނުކުރުމުގެ ނިޔަތުގައި ބައެއް މައިންބަފައިންނަށް ކުދިން ކައިރީ ދޮގު ބުނެވޭކަމީ މިއަދު ދިވެހި މުޖުތަމަޢުން ފެންނަ ނުރަނގަޅު ސިފައެކެވެ. ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަ އޮންނަގޮތުން، ވަރަށް ބޮޑަށް ފުދުންތެރި އާއިލާއެއް ނޫނީ، ދެމަފިރިން އެއްކޮށް ވަޒީފާ އަދާނުކޮށް ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސާނުލެވެއެވެ. މިފަދަ ވަޒީފާ އަދާކުރާ މައިންބަފައިންނަށް ދަރިންނާއި އެކު ހޭދަކުރަންޖެހޭ ވަގުތު ބޮޑުތަނުން މަދުވުމުގެ ސަބަބުން، ކުދިންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެއެވެ. މިފަދަ ހާލަތްތަކުގައި އަހަރަމެންގެ ތެރެއިން ބައެއް މައިންބަފައިން ކޮންމެވެސް ދޮގެއް ހަދާލައިގެން ދަރިފުޅު ހިތްހަމަ ޖައްސާލައެވެ. ވަޒީފާގެ ކޮންމެވެސް ކަމެއްގެ ސަބަބުން ނުވަތަ ކޮންމެވެސް މުހިންމު އެހެން ކަމެއް އޮތުމުން ދަރިފުޅު ބޭނުންވާ ވަގުތު ނުދެވޭނެއޭ ބުނުން މައިންބަފައިންނަށް އެހާ ފަސޭހައެއް ނޫނެވެ. ދަރިފުޅު ހިތުގައި ޖައްސައި، ދަރިފުޅު ދެރަވެ، ލޮލުން ކަރުނަ ފައިބާ މަންޒަރު ބަލަން އެއްވެސް މަޔަކަށް ނުވަތަ ބަފަޔަކަށް ކެތް ނުވެއެވެ.

ދަރިފުޅު ދެރަކޮށްނުލުމަށް ނުވަތަ ހިތުގައި ޖެހިދާނެކަމަށް ވިސްނައި ދަރިފުޅުގެ ލޮލުން އޮހިރިދާނެ، ކަރުނަތިތްކެއްގެ ބިރަށް މާބޮޑުކަމަކަށް ނުހަދައި ދޮގުހެދުމަކީ ލޯބިވާ ދަރިފުޅުގެ ތަރުބިއްޔަތަށް ކިހާބޮޑު ނޭދެވޭ އަސަރެއް ކޮށްފާނެކަމެއްކަން ބައެއް މައިންބަފައިންނަށް ނުވިސްނެއެވެ.  މިފަދަ ކުޑަކުޑަ އަމަލަކުންވެސް ލޯބިވާ ދަރިފުޅާށް ފޯރުކޮށްދެވެނީ ގޯސް މެސެޖެކެވެ. ދޮގު ހެދުމަކީ ހުރިހާ ގޯސް ކަމެއްގެ ފެށުމެވެ. ދޮގަކީ އެންމެހާ ނުބައިކަމަކަށް އަރައިގަތުމުގެ ތަޅުދަނޑިކަމަށް ވެފައިވެއެވެ. ނުބައި ކަންކަމަށް އަރައިގަންނަން ބޭނުންވާ ތަޅުދަނޑިއަށް ދޮގުވެފައިވާއިރު، މިތަޅުދަނޑި ގެންގުޅެން ލޯބިވާ ދަރިންނަށް ދަސްކޮށް ނުދޭށެވެ.

އެހެންކަމުން ދޮގުހެދުމާމެދު ސަމާލުވުން މުހިންމެވެ. އެއީ މީހުން ހެއްވާލުމަށްޓަކައި ކަމުގައި ވިޔަސް، މަޖަލަކަށް ވިޔަސް ނުވަތަ އެނޫން ގޮތަކަށް ކަމުގައިވިޔަސްމެއެވެ. ހިޔާނާތް ތެރިކަމުގެ އެންމެ ކުޑަ މިންވަރަކީ ވެސް ދޮގެވެ! ދޮގުހެދުމަށް އާދަ ވެއްޖެމީހަކު ގިނަފަހަރަށް އެއަށް ވުރެ ބޮޑެތި ކުށް ތަކަށް ވެސް އަރައި ގަންނާކަށް ފަސްނުޖެހޭނެއެވެ. ރަސޫލުﷲ صلى الله عليه وسلم  ޙަދީޘުން ސާބިތުވާ ގޮތުގައި ވާހަކަދައްކާއިރު މީހުން ހެއްވާލުމަށްޓަކައި ދޮގު ހަދާމީހާއަށް ހަލާކު ހުއްޓެވެ.

ދޮގު ހެދުމަކީ ހަމަ ހުރިހާ ކުދި، ބޮޑު އެންމެހާ ނުބައި ކަންކަމުގެ އަސްލެވެ. އަހަރުމެން ތެދު ބަހުން ވާހަކަ ދައްކަން އާދަކޮށް އެ ރީތި އާދަ އަހަރުމެންގެ ދަރިންނަށް ވެސް ދަސްކޮށް ދޭން ޖެހެއެވެ. ހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައެވެ. ދޮގުބުނެގެން ދަރިންގެ މޫނުމައްޗަށް ގެނެސްދޭ ހިނިތުންވުމަށްވުރެ، ތެދުއްބުނެގެން އެކުދިންގެ ލޮލުން ފައިބާ ކަރުނައިގެ ހެޔޮކަމާއި މާތްކަން މާ ބޮޑެވެ.

 

 

 

Comment