ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީސް ތެރޭގައި މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރުގެ 12:30ގައި އެމްޑީޕީ އޮފީސްތެރޭގައި މާރާމާރީއެއް ހިންގައިގެން އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
އަދި މިމާރާމާރީގައި އަންހެނަކަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާ ލިބިފައިވަނީ ރައްޔިތުންގެ މަޖިލިސް މެމްބަރު މީކާއީލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އަށެވެ. އަދި އެމާރާމާރީގައި މީކާއިލްގެ މަންމަގެ ބޯފަޅައިގެން ގޮސްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މަންދީ އަށް ހަމަލާދީފައިވަނީ އެމްޑީޕީ އޮފީހުގައި ޕިޔޯނެއްގެ މަސައްކަތް ކުރަމުންދާ ޔަޒީދު ކަމަށާއި، އޭނާ މަންދީއަށް ހަމަލާދީ ބޯ ފަޅާލާފައިވަނީ ބައިސިކަލް ޗޭނެެއް ބޭނުންކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.
ނަމަވެސް މިކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުން ބުނެފައިނުވެއެވެ.