ޚަބަރު
އެމްޑީޕީ އޮފީސްތެރޭ މާރާމާރީ ހިންގި މީހާ ހައްޔަރު ކުރަން ނަޝީދު ގޮވާލައިފި

މިއަދު މެންދުރު އެމްޑީޕީ އޮފީސްތެރޭ މާރާމާރީ ހިންގި މީހާ ހައްޔަރުކުރަން މުހައްމަދު ނަޝީދު ގޮޮވާލައިފިއެވެ.

މިހަމަލާއާއި ގުޅިގެން އެޕާޓީގެ ލީޑަރު މުހައްމަދު ނަޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނި މަންދީއަށް އިންސާފް ލިބެންޖެހޭނެ ކަމަށާއި މިފަދަ ކަންތައްތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫންކަމަށެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި އެމްޑީޕީ އޮފީސްތެރޭގައި ހިންގި މާރާމާރީއެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމްގެ މަންމަ މަރްޔަމް ޒުބައިރު (މަންދީ)ގެ ބޯ ބަފަޅައިގެން ދިޔުމުން އޭޑީކޭ ހޮސްޕިޓަލުގައި އޭނައަށް ވަނީ ފަރުވާދެވިފައެވެ.

މަންޒަރުދުށް މީހަކު ބުނިގޮތުގައި އެއޮފީހުގެ ޕިޔޯނަކަށް އުޅޭ މީހާ މަންދީއަށް ހަމަލާދިނީ ޗޭނު ގަނޑަކުން ކަމަށާއި ހަމަލާދިނުމަށްފަހު އޭނާ ފިލީ ކަމަށެވެ. އެޗޭނުގަނޑުން މަންދީގެ ބޮލުގެ ފުށްކިބައިގައި ޖެހުމުން އޭނަގެ ބޯފަޅައިގެން ދިޔަ ކަމަށް މަންޒަރުދުށް މީހުން ބުނެފައިވެއެވެ.

މިއަހަރު މެއި މަހު މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ވަނީ ގިނަ އަނިޔާތަކެއް ލިބިފައެވެ. އެތަކެއް ސާޖަރީތަކެއް ހަދާ ފަރުވާ ހޯދާފައިވީނަމަވެސް އެމަނިކުފާނުގެ އަތުގެ ތިން އިނގިލި އަދިވެސް ބޭނުން ނުކުރެވެއެވެ.