ކައިވެނިކޮށްގެން އުޅޭ އަންހެނަކަށް، ފިރިމީހާގެ ގިނަ ޒިންމާތަކެއް ބޮލުގައި އެޅިފައިހުންނައިރު، ދަރިއަކު ލިބުމުން އެޒިންމާތައް އަދި މާބޮޑެވެ. ފިރިމީހާ ދެކެ ލޯބިވާ އަނބަކަށް ވުމަށާއި ރަހަ މީރުކޮށް ކެއްކުމަށާއި ދަރިންނަށް އަޅާލައި މަންމައަކަށް ވުމަށް ކުރާ މަސައްކަތުން ފެށިގެން ގޮސް އެތައް ކަމެކެވެ.
ދުވާލެއްގެ ގިނަ ވަގުތު އަންހެނަކު ސްޓްރެސް ވެފައި ހުންނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ކައިވެނިކޮށްެގެން އުޅޭ އަދި ކުދިން ތިބޭ އަންހެނުން އެގޮތަށް އުޅެންޖެހުމުން، މީހާގެ ހަކަތަ ކުއްލިއަކަށް ދަށްވެ އޭގެ އަސަރު މަސައްކަތަށާއި ދިރިއުޅުމަށް ވެސް ކުރެއެވެ.
ނަމަވެސް ގިނަ އަންހެނުން ދެކޭ ގޮތުގައި އެމީހުންގެ ފިރިންނަކީ ވެސް ދަރިންނާ އެއްވަރަށް ސްޓްރެސް އިތުރުކޮށްދޭ ބައެކެވެ. އެއީ ދެތެއް ހެއްޔެވެ. އާއެކެވެ.!
ހަތްހާހަށްވުރެ ގިނަ މަންމައިން ބޭނުންކޮށްގެން އެމެރިކާގެ ޓީވީ ޝޯއެއް ކަމަށްވާ ޓުޑޭ.ކޮމް އިން ހެދި ސާވޭއަކުން ދެއްކި ގޮތުގައި، އެ ދިރާސާގައި ބައިވެރިވި މަންމައިންގެ ސްޓެރެސް ލެވެލް އެވްރެޖްކޮށް އުޅެނީ 8.5 އަދި 10 އަކާ ދެމެދުގައެވެ.
އަދި އެ އަންހެނުންގެ ތެރެއިން 48 ޕަސެންޓް މީހުން ބުނި ގޮތުގައި، ކުދިންނަށްވުރެ އެމީހުންގެ ފިރިމީހާގެ ފަރާތުން އެމީހުންވާ ސްޓްރެސް ބޮޑެވެ.
އެގޮތުން، ދިރާސާގައި ބައިވެރިވި ކޮންމެ ހަތަރު އަންހެނެއްގެ ތެރެއިން ތިން އަންހެނަކު ބުނާގޮތުން، ގޭތެރޭގެ މައިގަނޑު ހުރިހާ ކަމަކާއި ދަރިން ބެލުމުގެ ގިނަ ޒިންމާތައް ވެސް އުފުލަންޖެހެނީ އެމީހުންނެވެ.
އަދި ފިރިންގެ ފަރާތުން އެކަށީގެންވާ އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ ކަމަށް ދިރާސާގައި ބައިވެރިވި ކޮންމެ ފަސް އަންހެނެއްގެ ތެރެއިން އެކަކު ބުނާއިރު ގިނަ މީހުން ބުނާގޮތުގައި، ކޮންމެ ދުވަހަކު ވެސް ކުރަންޖެހޭ ނުވަތަ ކޮށް ނިންމަންޖެހޭ ކަންކަން ކުރުމަށް އެމީހުންނަށް އެކަށީގެންވާ ވަތުތެއް ނުލިބެއެވެ.
އިޓަލީގެ ދެވަނަ އަށް އެންމެ މަގުބޫލް ޔުނިވާސިޓީ ކަމަށްވާ، ޔުނިވާސިޓީ އޮފް ޕޮޑޯވާ އިން ކުރި އެފަދަ އެހެން ދިރާސާއެއްގައި ބުނާގޮތުން، އަނބިމީހާގެ ކުރިން ފިރިމީހާ މަރުވެއްޖެނަމަ، އަނބިމީހާގެ ސިއްހަތު ރަނގަޅު ވެގެންދެއެވެ. ނަމަވެސް ފިރިމީހާގެ ކުރިން އަނބިމީހާ މަރުވެއްޖެނަމަ، އެކަން ވެގެންދަނީ ދިމާ އިދިކޮޅަށް ކަމަށް އެ ދިރާސާއިން ވަނީ ހާމަވެފައެވެ.
މިކަން ހައްލުކުރެވޭނީ ކިހިނެތް؟
ގޭތެރޭގައި ކުރަންޖެހޭ ކަންކަމާ ގުޅޭ ކަންބޮޑުވުންތައް ފިރިމީހާއާ ހިއްސާކޮށް އެކަމާ މަޝްވަރާކުރުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ. ސްޓްރެސް ކުޑަކުރުމަށް ދެމީހުން އަދާކުރަންޖެހޭ ޒިންމާތައް ބަލައި، އެކަން ދެމީހުންގެ މައްޗަށް ބަހާވެސް ލެވިދާނެއެވެ. ނަމަވެސް އެކަން އެގޮތަށް ކުރިއަށްދޭތޯ ބަލައި އެގޮތުގައި ހިފަހައްޓަންވާނެއެވެ.
ގިނަ ފިރިން ނުވަތަ ބައްޕައިން އެމީހުން ކުރާ ކަމެއް ކުރާނީ އެމީހަކަށް ކުރެވުނު އެންމެ ރަނގަޅަށެވެ. ނަމަވެސް ފިރިމީހާ ގޯސްކޮށް ކަމެއް ކޮށްފާނެތީވެ ނުވަތަ އިތުބާރު ނުކުރެވޭތީ، ފިރިމީހާ އަދާކުރަންޖެހޭ ޒިންމާތައް ވެސް އަނބިމީހާ ނުވަތަ މަންމައަކު ކުރާ ފަހަރު ވެސް އާދެއެވެ.
ތަޖުރިބާ ކާރުން ބުނާގޮތުގައި، ގޭތެރޭގެ ކަންކަމުގައި އަނބިމީހާ ނުވަތަ އަންހެނުންވާ ސްޓްރެސްއަށް ލުއިކަމެއް ލިބޭނީ ބައިވެރިޔާއަށް އިތުބާރު ކޮށްގެންނެވެ. ދެ މީހުން ވެސް އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ދިރިއުޅުމުގައި އަދާކުރަންޖެހޭ ޒިންމާތައް އެކުގައި އަދާކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.