ދުނިޔެ ތަރައްގީވެ ތަހުޒީބުވަމުން އަންނަ އިރު ހީވެސް ނުކުރާހަ ކަންތައްތައް މިއަދު މިދަނީ ފެންނަމުންނެވެ. ބިމުގައި ފައި ނުޖައްސާ ބޭނުންވާ ތަނަކަށް ދިޔުމާއި، ދުނިޔޭގެ އެއްބިތުން އަނެއްބިތަށް ގުޅުން ފަދަ ތަފާތު ކަންކަން މިއަދު މިވަނީ އަޅުގަނޑު މެންނާއި ބައްދަލު ކޮށްފައެވެ.
އެހެންނަމަވެސް، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީން ހުއްދަ ނުކުރާ އެތައްކަމެއްވެސް މިއަދު ދުނިޔެއަށް އުފަންވަމުން އަންނަ އިރު އެކަންތައްތަކަކީ ހަރާމް ހަލާލްތޯ ދެނަގަތުން އުނދަގުލެވެ.
އެގޮތުން 1956 ގައި އަލްޓްރާ ސްކޭންގެ ނަމުގައި ދުނިޔެއަށް ވުޖޫދުވި ޓެކްނޮލޮޖީއަކީ ބަނޑުގައިވާ އުފަންނުވާ ދަރިފުޅުގެ ހާލަތު ބަލާލެވޭހެން ފަރުމާ ކުރެވިފައިވާ އެއްޗެކެވެ. މެޝިނެއްގެ އެހީތެރިކަމާއި އެކު، ބަނޑުގައިވާ ދަރިފުޅުގެ ހާލަތާއި، އޮންނަ ގޮތާއި، ކުއްޖާގެ ޖިންސުގެ އިތުރުން ގުނަވަންތަކުގެ މިން އަޅާ ބަލާލެވެއެވެ.
އެތައް އަހަރެއްގެ ކުރިން ރާއްޖޭގެ އިތުރުން އިސްލާމީ އެހެން ގައުމު ތަކުގައިވެސް މި މެޝިނުގެ އެހީގައި މައިންބަފައިން ދަނީ ދަރިފުޅުގެ ކަންކަން ގާތުން ބަލަމުންނެވެ. ކުއްޖާ އަށް ބޭނުންވާ ހެދުމާއި އެހެނިހެން ތަކެތި ގަތުމަށް އަންހެން ކުއްޖެއްތޯ ނުވަތަ ފިރިހެން ކުއްޖެއްތޯ ބަލައެވެ.
ނަމަވެސް މި ފަހަކަށް އައިސް، ބަނޑުގައިވާ ދަރިފުޅުގެ ޖިންސު ބެލުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫންކަމަށް ބައެއް ދިވެހިން ބުނަމުންދެއެވެ. މިގޮތަށް މިވާހަކަ ދެކެވެމުން ދާތީ، ރާއްޖޭގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ.މުހައްމަދު އިޔާޒް އަބްދުލް ލަތީފް އާއި މީހަކު ސުވާލު ކޮށްލުމުން ޖަވާބުގައި ޑރ.އިޔާޒް ވިދާޅުވީ ބަނޑުގައިވާ ދަރިފުޅުގެ ޖިންސު ބެލުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ދުނިޔެގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ.މުހައްމަދު ސަލާހް ވިދާޅުވީ ބަނޑުގައިވާ ދަރިފުޅުގެ ޖިންސު ބެލުމަކީ އެކަމުގައި މައްސަލައެއް ނެތް ކަމެއް ކަމަށެވެ. އަލްޓްރާ ސައުންޑް ސެކޭންކޮށްގެން ބޭރުފުށުން ދަރިފުޅު ބެލުމަކީ ހުއްދަ ކަމެއް ކަމަށްވެސް ޑރ.މުހައްމަދު ސަލާހް ވިދާޅުވިއެވެ.