ކުޅަދާނަ އެކްޓަރ އަދި ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ދިވެހި ސީރީޒް “ގިރިދާ” މި ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގައި ސްޓްރީމްކުރަން ނިންމައިފިއެވެ.
މީގެ ފަސް ވަރަކަށް ދުވަސް ކުރިން ޓްރެއިލާ ރިލީޒްކޮށްފައިވާ “ގިރިދާ” ގެ ތަރިންގެ ތެރޭގައި ޢަލީ އުސާމް (ދޮނާ)، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު ޒިޔާ އަދި އިބްރާހީމް ޖިހާދު (ޖިމީ) ހިމެނެއެވެ.
“ގިރިދާ“ ބަލާފައި ނުހީ ނުތިބެވޭނެވަރުގެ މަޖާ މަންޒަރުތައް ހުންނާނެކަމަށް ސީރީޒްގެ ލީޑްގައި ހިމެނޭ ދޮނާ ވަނީ ބުނެފައެވެ. އަދި މި ސީރީޒްގެ ޑައިރެކްޓަރ ޔޫސުފް ޝަފީޢު ބުނެފައިވަނީ މި ސީރީޒް އަކީ އެހެން ސްޓައިލެއްގެ ކޮމެޑީއެއް ކަމަށާއި ސިޓްކޮމްގެ ސިފަތަކާއި އާންމު ކޮމެޑީގެ ސިފަތައްވެސް މީގައި ހުންނާނެ ކަމަށެވެ.
މިހިނގާ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރެއިން ފެށިގެން މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމް މަލްޓި ސްކްރީންއާއި އެމްއެސްޓީވީގެ ވީއޯޑީއިން މި ސީރީޒް ބަލައިލެވޭނެއެވެ.