ޤާނޫނީ ވަކީލުން ވާންޖެހޭނީ ސިޔާސީ ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރާ ބަޔަކަށް ކަމަށް ބާކައުންސިލުން އަންގައިފިއެވެ.
ބާކައުންސިލުން އެކުލަވާލި ވަކީލުންގެ ސުލޫކީ ޤަވައިދުގައި ބުނާގޮތުން ވަކީލުން ވާންޖެހޭނީ ސިޔާސީ އަދި އެނޫންވެސް އެހެން ނުފޫޒެއްނެތި ޚިދުމަތްކުރާ ބަޔެއް ކަމަށެވެ.
މިޤަވައިދުގައި ހިމެނިފައިވާ ކަންތައްތަކަށް ބަލާލާއިރު މުވައްކިލަށް އިހްލާސްތެރިވުމާއި މުވައްކިލުގެ މަސްލަހތުގައި މަސައްކަތްކުރުމާއި، މަސައްކަތުގެ އަގު ކަނޑައެޅުމުގައި މުވައްކިލުންގެ މެދުގައި އިންސާފުވެރިވުން ހިމެނެއެވެ. އަދި މަސްލަހަތު ފުށުއަރާ ކަންތައްތަކުން ތަނާޒަލްވުމާއި، އެއްވެސް ނުފޫޒެއްނެތި މިނިވަންކަމާއެކު މަސައްކަތް ކުރުން ހިމެނެއެވެ.
މީގެއިތުރުން ވަކީލަކު ގާނޫނީ އެހީއެއް ފޯރުކޮށްދިނުމުގައި، މީހެއްގެ ގައުމަށް، ނުވަތަ ދީނަށް ، ނުވަތަ ނަސްލަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ މީހެއްގެ މާލީ ފުދުންތެރިކަމަށް، ނުވަތަ މީހެއްގެ ކިބައިގައި ހުރި ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ މީހަކު ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް، ނުވަތަ މީހެއް ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ނުވަތަ މީހެއް ސިޔާސީގޮތުން ގަބޫލުކުރާ ގަބޫލުކުރުމަކަށް ބަލައިގެން ތަފާތުކޮށްގެން ނުވާނެ ކަމަށް މިޤާނޫނުގައި އަންގާފައިވެއެވެ. ވަކީލު މުވައްކިލަކަށް ހިދުމަތް ފޯރުކޮށްދޭންވާނީ، ގާނޫނީ ވަކީލާއި މުވައްކިލާ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް ވުމަށް ފަހުގައި ކަމަށާއި އެފަދަ އެއްބަސްވުމެއް ވުމަށް ފަހުގައި މެނުވީ، ވަކީލު ފޯރުކޮށްދޭ ހިދުމަތަކާ ގުޅޭގޮތުން އެއްވެސް ކަމެއް ކޮށްދޭނެކަމުގެ ޔަގީންކަން، ގާނޫނީ ވަކީލަކު ދީގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.
ކޯޓުތަކުގައި މުވައްކިލުން ތަމްސީލުކުރާއިރު، މުވައްކިލަށް އޮންނަ ޒިންމާގެ އިތުރުން، އަދުލު އިންސާފު ގާއިމުކުރުމަށް ޓަކައި ކޯޓަށް ދޭންޖެހޭ އެއްބާރުލުންދީ އެހީތެރިވުމުގެ ޒިންމާ ގާނޫނީ ވަކީލުން އަދާކުރަންވާނެ ކަމަށް އަންގާފައިވެއެވެ.
މިގޮތަށް ޤަވައިދެއް އެކުލލަވާލުމުގެ މައިގަނޑު ބޭނުމަކީ އަދުލު އިންސާފު ގާއިމުކޮށްދިނުމުގައި އާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ގާނޫނީ ވަކީލުންނަކީ، މިނިވަންކަމާއި ޒިންމާދާރުކަމާއެކު މަސައްކަތްކުރާ ބައެއް ކަމުގައި ހެދުމަށް ބާރުއެޅުމަށާއި، ވަކީލުން ދޭ ހިދުމަތަކީ އިންސާފުވެރިކަމާއި ހަމަހަމަކަމުގެ މައްޗަށް ބިނާވެގެންވާ ހިދުމަތެއް ކަމުގައި ކަށަވަރުކޮށް، ހިދުމަތް ހޯދާ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކޮށްދީ، ހައްގުތައް ރައްކާތެރިކޮށް ދިނުމަށް ބާރުއެޅުން ކަމަށް މިޤަވައިދުގައި ބުނެފައިވެއެވެ.