ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކޯޓުތަކުގައި ހިންގާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވާކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބް ވިދާޅުވެއްޖެއެވެ.
ކުރީގެ ފަނޑިޔާރުންނާއި ބައެއް ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޖީބު ވިދާޅުވީ ކޯޓުގައި ހިނގާ ޝަރީއަތްތަކަށް ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބޭ ފަރާތްތަކުން ނުފޫޒު ފޯރުވާކަން އެއީ ތެދު ހަޤީގަތް ކަމަށާއި އެކަން އެންމެ ގާތުން ފެނުނު އެކަކީ އޭނަ ކަމަށެވެ.
އެގޮތުން ކުރީގެ ރައީސް ޔާމީންގެ ޝަރީއަތަށްވެސް ނުފޫޒް ފޯރުވާފައިވާކަމަށް ނަޖީބް ވަނީ ވިދާޅުވެފައެވެ. ޔާމީންގެ ޝަރީއަތް އެންމެ ފުރަތަމަ ބެއްލެވީ ގާޒީ އަލްއުސްތާޒު އަހުމަދު ހައިލަމް ކަމަށާއި އަލީ ޒާހިރު ހައިލަމް ފޯނަށް ގުޅައިގެން ވާހަކަ ދެއްކެވިއިރު ސްޕީކަރަށް ލައިގެން ވާހަކަ ދެއްކި ކަމަށެވެ. އެގޮތުން އަލީ ޒާހިރު ހައިލަމް ކައިރީ ބުނެފައިވަނީ ރާއްޖޭގެ ސްޕްރީމްކޯޓުން ހައިލަމަށް ޖާގަ ކަށަވަރުވެފައިވާ ކަމަށެވެ.
ނަޖީބް ވިދާޅުވި ގޮތުގައި އޭނައާ ހައިލަމް އާ ދެމެދު ދެކެވުނު ވާހަކަތަކުގެ ތެރޭގައި ސްޕްރީމްކޯޓުގެ ފަނޑިޔާރަކަށް ހުސްނުއްސޫދު ހަމަޖެހޭ ޚަބަރު އަޑުއެހީމޭ ބުނުމުން ހައިލަމް އަލީ ޒާހިރަށް ގުޅާފަ ފޯނު ސްޕީކަރަށް ލާފައިވަނީ ނަޖީބުއަށް އަޑުއިއްވާށެވެ.
އެހެންކަމުން މިހުރިހާ ކަމަކުންވެސް އެގިގެންދަނީ ރާއްޖޭގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ނަޖީބް ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ޔާމީންގެ މައްޗަށް ކުރެވުނު ޖަލުހުކުމް އިސްތިއުނާފް ކުރަން ހައިކޯޓަށް ހުށަހެޅުމުން އެމައްސަލަޔަށްވެސް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފައިވާކަމަށް ހައިކޯޓުގެ އޭރުގެ އިސް ފަނޑިޔާރަކަށް ހުންނެވި ޝުޖާއު އުސްމާންވެސް ވަނީ ވިދާޅުވެފައެވެ.