މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި މުޅި އަތޮޅަށް ހުޅުވާލައިގެން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ފަށައިފިއެވެ.
ޔޫތު މިނިސްޓްރީއާއި މޯލްޑިވްސް ހޭންޑްބޯލް އެސޯސިއޭޝަނުން އާއި ދަރަވަންދޫ ކައުންސިލް ގުޅިގެން މިމަހުގެ 2 ވަނަ ދުވަހު ފެށި ކޯޗިން ކޭމްޕްއަކީ 6 ދުވަހުގެ މުއްދަތަށް ހިންގާ ކޭމްޕެކެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ދަރަވަންދޫ ކައުންސިލްގެ މެމްބަރު ފަރަހާ އާދަމް ވިދާޅުވީ އެރަށުގައި މިހާރު ކުރިއަށްދާ ކޯޗިން ކޭމްޕަލީ މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ ކޭމްޕެއް ކަމަށާއި، އެގޮތުން ރަށަކަށް 2 ޖާގަ ދީފައިވާ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ފަރަހާ ވިދާޅުވީ، ކޯޗިން ކޭމްޕުގައި ކިޔަވައިދެއްވުމާއި ޕްރެކްޓިކަލް ކުރިއަށްގެންދަވަނީ ރާއްޖޭގެ ހޭންޑްބޯލް ގައުމީ ޓީމުގެ ކޯޗެއް ކަމަށްވާތީ މިކޭމްޕް ވެގެންދާނީ ފެންވަރު ރަނގަޅު ކޯޗުން އުފެދިގެންދާނެ ކޭމްޕަކަށް ކަމަށެވެ.
“ކޭމްޕްގައި 2 ޖިންސުގެ ބޭފުޅުންވެސް އެބައުޅޭ. އަތޮޅު ތެރެއިންވެސް ގިނަ ފަރާތްތަކަކުންވަނީ ބައިވެރިވެފަ. އިރާދަކުރެއްވިއްޔާ މިއީ މުޅިއަތޮޅަށް ލިބިގެންދާ ބޮޑު ކުރިއެރުމެއް.” ފަރަހާ ވިދާޅުވިއެވެ.
ކައުންސިލް މެމްބަރު ފަރަހާ ވިދާޅުވީ ކޯޗުން ތަމްރީނުކުރުމުގެ ކޭމްޕްގައި ފިޒިކަލް ބަޔާ ޕްރެކްޓިކަލް ވަރަށް ބޮޑަށް ކުރިއަށްގެންދާ ކަމަށާއި، މިކޭމްޕުގައި ބައިވެރިވި ހުރިހާ ފަރާތަކުންވެސް ކޭމްޕުން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރާތަން ފެންނަމުންދާ ކަމަށެވެ.
ދަރަވަންދޫގައި ކުރިއަށްދާ ހޭންޑްބޯލް ކޯޗިން ކޭމްޕުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.