ޚަބަރު
ކަނޑުހުޅުދޫގައި މާރާމާރީއެއް ހިންގި މައްސަލަ މީޑިއާތަކުގައި ފަތުރަމުންދަނީ ހަގީގަތް އޮޅޭ ގޮތަށް: އާއިލާ

ކަނޑުހުޅުދޫގައި މިއަދު ހިންގި މާރަމާރީގެ ވާހަކަތައް އަނިޔާ ލިބުނު ފަރާތުން ދޮގު މައުލޫމާތު މީޑިއާތަކަށް ދީގެން ފަތުރަމުންދަނީ ހަގީގަތް އޮޅޭ ގޮތަށް ކަމުގައި މާރަމާރީ ހިންގި ކަމަށް ބުނާ އާއިލާއިން ބުނެފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން އެއާއިލާގެ މެމްބަރެެއް ބުނީ، މާރާމާރީ ހިންގި ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށާއި، އެންމެ ފުރަތަމަ މާރާމާރީ ހިންގީ، ހިނގި ޒުވާބެއްގެ ތެރޭގައި އަނިޔާ ލިބުނު ކަމަށް ބުނާ އަންހެން މީހާ ކަމަށެވެ. އަދި އެއަންހެން މީހާއަށް ލިބިފައިވާ އަނިޔާތަކަކީ ދުރުކުރަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކެއް ކަމަށާއި ގަސްތުގައި އަނިޔާކޮށްފައި ނުވާ ކަމަށްވެސް އެއާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ކަން ހިނގައިދިޔަ ގޮތް ހުވަދޫ ނިއުސް އާއި ހިއްސާ ކުރައްވަމުން އަނިޔާ ކުރިކަމަށް ބުނާ އަންހެން ކުއްޖާގެ ދައްތަ ބުނީ، އަނިޔާ ލިބުނުކަމަށް ބުނާ މީހާ އެންމެ ފުރަތަމަ އެގެއަށް އައިސް ޒުވާބުކޮށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔާފައިވާ ކަމަށާއި، އަދި އޭގެ ފަހުން އެރަށު ސްކޫލް ކައިރިންވެސް ވަރަށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މަގުމަތީގައި ކުރި ޒުވާބު ހޫނުވެ، އެކަކު އަނެކަކު ގައިގަ ހިފެހެއްޓުމުން އެކަން ހުއްޓުވަން އޭނާ މަސައްކަތް ކުރިކަމަށެވެ. އަދި އޭނާއަކީ މާބަނޑު މީހެއް ކަމުން އަނިޔާ ލިބުނު ކަމަށް ބުނާ މީހާ އޭނާ ކޮށްޕާލަން މަސައްކަތް ކުރިކަމަށާއި ބުރުގާ ބޭލުމަށްފަހު އިސްތަށިގަނޑުގައި ހިފާ ދެމިކަމަށްވެސް ކަން ހިނގި ގޮތް ހުވަދޫ ނޫހާ ހިއްސާ ކުރަމުން އަނިޔާ ކުރިކަމަށް ބުނާ އަންހެން ކުއްޖާގެ ދައްތަ ބުންޏެވެ.

އެއަށްފަހު އަނިޔާ ލިބުނު ކަމަށް ބުނާ އަންހެން މީހާގެ ފިރިމީހާ އެމީހުންގެ ގެ ކައިރިއަށް ގޮސް ޒުވާބުކޮށް މަރުގެ އިންޒާރު ދީފައިވާ ކަމަށްވެސް މާރާމާރީ ހިންގި ކަމަށް ބުނާ އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މިކަމާ ގުޅިގެން އިންޒާރު ދިން ކަމަށް ބުނާ މީހާއަށް ހުވަދޫ ނިއުސް އިން ގުޅާލުމުން ބުނީ، މާރާމާރީ ހިންގައި އޭނާގެ އަނބިމީހާއަށް އަނިޔާ ކުރުމުން، އަނިޔާ ކުރި މީހުންގެ ގެ ކައިރިއަށް ގޮސް އެމީހުން ކައިރީ އެކުރެވުނީ ގޯސް ކަމެއް ކަމަށާއި، މާރާމާރީ ހިންގުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނިކަމަށެވެ. އަދި އެމައްސަލަ ފުލުހަށް ހުށަހަޅައިގެން އިންސާފު ހޯދާނެ ކަމަށް ބުނި ކަމަށާއި، މަރުގެ އިންޒާރު ދިން ވާހަކަ އަކީ ކަނޑައެޅިގެން ދޮގު ވާހަަކައެއް ކަމަށެވެ. އެގޮތަށް އެމީހުން އެބުނަނީ މާރާމާރީ ހިންގި ވާހަކަ ދޮގު ކުރަން ކަމަށްވެސް އޭނާ ބުންޏެވެ.

Comment