އަތޮޅުތެރޭ ޓީމްތަކުން ގަދަކުޅުމެއް ދައްކާ ކުޅުންތެރިންނަށް ޤައުމީ ޓީމުން ފުރުސަތުދޭނެކަމަށް 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ވިދާޅުވެއްޖެއެވެ.
ސޮބާ ވިދާޅުވާ ގޮތުގައި ޤައުމީ ޓީމަށް ކުޅުންތެރިން ނަގާނީ ހަމައެކަނި މާލޭ ޓީމްތަކުން ނޫނެވެ. އަތޮޅުތެރޭ ޓީމްތަކުގައިވެސް ގަދަ ކުޅުންތެރިން އުޅޭނެ ކަމަށާއި ގަދަކުޅުން ދައްކާ 23 އަހަރުން ދަށުގެ ކުޅުންތެރިން ޓީމަށް ނަގާނެ ކަމަށް ސޮބާ ވަނީ ހާމަކޮށްފައެވެ.
އަތޮޅުތެރެޔަށް ސޮބާ މިކުރާ ދަތުރުގެ ބޭނުމަކީ ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ގަދަ ކުޅުންތެރިންނަށް ޤައުމީ ޓީމުން ފުރުސަތުދީ އެކުދިންގެ ހުނަރު ދައްކާލަން ފުރުސަތުދިނުމެވެ.
މިގޮތަށް އަތޮޅުތެރެޔަށް ދަތުރުކޮށް ކުޅުންތެރިންނާއި ގުޅުން ބަދަހިކޮށް ހެދުމުން ދިވެހި ފުޓުބޯޅައިގެ ގެއްލެމުންދާ ފޯރި އާލާކޮށް، އަތޮޅު ތެރޭ ފުޓުބޯޅަ ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ސޮބާ ވިދާޅުވިއެވެ.
އެގޮތުން ޓްރެއިނިންގ ކޭމްޕްގައި ކުރިޔަށް ރޭވިފައި ހުރި މެޗުތަކަށް ބަލާލާއިރު ނ. ކުޑަފަރީ، ނ. ހޮޅުދޫ، ރ. މީދޫ، ޅ. ނައިފަރު އަދި ޅ. ހިންނަވަރު ޓީމް ޤައުމީ ޓީމާއި ދެކޮޅަށް ވަނީ ތާވަލްކުރެވިފައެވެ.