ޚަބަރު
ސިޔާސީ މަންފާއެއް ލިބިގަތުމަށްޓަކައި އަދާލަތު ޕާޓީން ދީން ވިއްކާލާނެ ކަމަށް އަދުރޭ ތުހުމަތުކޮށްފި

އަދާލަތު ޕާޓީއަކީ ސިޔާސީ މަންފާ ހާސިލްކުރުމަށް ދީން ވިއްކާލާނެ ޕާޓީއެއްކަމަށް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވެފައިވަނީ އަދާލަތު ޕާޓީ އަކީ ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ދީން ވިއްކާލާނެ ބައެއް ކަމަށާއި ރާއްޖޭގެ ސްކޫލްތަކުގައި އިސްލާމް ކިޔަވައިދިނުމަށް ތައްޔާރުކޮށްފައިވާ ފޮތްތަކުގައި ޤުރުއާންގެ އާޔަތްތައް ނުބައިކޮށް ލިޔެފައި ހުރުމުން އެއިން ދޭހަވެގެންދަނީ އިސްލާމިކް މިނިސްޓްރީގެ ފަރުވާކުޑަކަމާއި މިނިސްޓްރީން އެކަންތައް އެކަށީގެންވާ ވަރަށް ނުބެލޭ ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ މިހާތަނަށް އައިއިރު އިސްލާމިކް މިނިސްޓަރ ދީނީ ދަރުސެއް ދެއްވި އަޑު އަހާފައި ނުވާ ކަމަށާއި އިސްލާމް ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ޕްރިންޓްކޮށްފައި އޮތީ ގަސްދުގައި ރާވައިގެން ކަމަށެވެ.

އަދުރޭ ތުހުމަތު ކުރައްވާ ގޮތުގައި މިސަރުކާރުގައި އިސްލާމް ދީނުގެ ގިނަ ކަންތައްތައް ބަދަލުކުރުމަށް މަސައްކަތްކުރާ މަންޒަރުތައް ދަނީ ފެންނަމުންނެވެ. އެގޮތުން ސްކޫލްތަކުގައި ކިޔަވާ ކުދިންގެ ސިކުނޑިއާއި ކުޅެ އިސްލާމްދީނާއިބެހޭ ތަފާތު ވިސްނުންތައް އެކުދިންނަށް ކިޔައިދީ ހަދާކަން އަދުރޭ ވަނީ ފާހަނގަ ކުރައްވާފައެވެ. އެހެންކަމުން މިފަދަ ކަންތައްތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫންކަމަށާއި މިކަންތައްތަކާއި ދެކޮޅަށް އަޑު އުފުލަން ޖެހޭކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އަދުރޭގެ ވާހަކަފުޅު ނިންމާލަމުން ވިދާޅުވެފައިވަނީ ކީރިތި ޤުރުއާނަށް ބަދަލު ގެނައުމަކީ ދީނީގޮތުން ބަލާއިރު ހަރުކަށި އަދަބެއް ލިބެންޖެހޭ ކަމެއް ކަމަށާއި މިފަދަ ފަރުވާ ކުޑަކުރުންތަކުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އިސްލާމިކް މިނިސްޓަރ އާއި އެޑިއުކޭޝަން މިނިސްޓަރވެސް އިސްތިއުފާ ދެއްވަން ޖެހޭނެކަމަށެވެ.