މިހާރަކަށް އައިސް ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ތައްޔާރުކޮށްފައިވާ އިސްލާމް ފޮތާއި ޤުރުއާން ފޮތްތަކުގައި ސޫރަތްތަކާއި އާޔަތްތައް ނުބައިކޮށް ޕްރިންޓްކޮށްފައި ހުރިކަން ޑރ.ޝަހީމްވަނީ ފާހަނގަކޮށްފައެވެ. އެގޮތުން މިފަހަރު ޑރ.ޝަހީމްވަނީ ގްރޭޑް 8 ގެ އިސްލާމް ފޮތުގައި ނުބައިކޮށް ލިޔެފައިން އާޔަތެއްގެ މާނަ ފާހަނގަކޮށް އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.
ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގްރޭޑް 8ގެ އިސްލާމްފޮތުގެ ސަފްހާ ނަންބަރ 122ގައި ލިޔެފައިވާ އާޔަތުގެ މާނަ ނުބައިކޮށް ލިޔެފައިވާކަމަށެވެ.
Islami Tharubiyath Grade 08. Page 122. Aayathuge Tarujama nubaikoh. Mi bai ves rangalhu kurevey kankamuge thereah levvun edhen. @aisthly pic.twitter.com/GlV0Tal610
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 6, 2021
އެކި ގްރޭޑްތަކުގެ ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް އަދި މާނަތައް ނުބައިކޮށް ހުރުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވެފައިވަނީ ގްރޭޑް-2ގެ ފޮތުގައި ކުށް ލިޔެވިފައި ވާއިރު އެއީ 2015 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އައި ފޮތެއް ކަމަށާއި ގްރޭޑް-12 ގެ އިސްލާމް ފޮތަކީ ވެސް 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްލާމިކް މިނިސްޓްރީން ފާސްކޮށްގެން ބޭނުން ކުރަމުން އައި ފޮތެއް ކަމަށެވެ. އެހެންނަމަވެސް ގްރޭޑް 1ގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރާ އިސްލާމްފޮތަކީ މިއަހަރު އަލަށް ބޭނުންކުރަންފެށި ފޮތެއް ކަމަށާއި މީގެ ކުރިން މިފޮތްތަކުގައި ކުށް ހުރިކަމަށް ފާހަނގަކުރެވިފައި ނުވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިގޮތުގައި މިފަދަ ކަމެއް ހިގަން މެދުވެރިވި ސަބަބު ބަލާނެ ކަމަށާއި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށެވެ. އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް މިހާރުން ފެށިގެން އަޅާފައިވާ ކަމަށެވެ. އެގޮތުން ފޮތްތަކުގައި ކުށް ހުރިތޯ ބެލުމަށް ކޮމެޓީއެއް އެކުލަވާލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.