އަންހެނުން ބާރުވެރިކޮށް، ސިޔާސީ މައިދާނުން އަންހެނުންނަށް ފުރުޞަތު ހޯދައިދިނުމަށް މިސަރުކާރުން ކުރެވިފައިވާ އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި، އަންހެނުން ސިޔާސީ މައިދާނަށް ނުކުތުމުގެ ފުރުޞަތު ހުޅުވުމަށް، ޤާނޫނުގެ އެހީގައި ފުރުޞަތު ހޯދާދެވިއްޖެ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
2020 އަދި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑު ދެއްވުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަންހެނުންނަށް ސިޔާސީ މައިދާނުގައި މަސައްކަތް ކުރުމުގެ ފުރުޞަތު މިސަރުކާރުން ހޯދާދެވިފައިވާކަން ފާހަގަކުރައްވަމުން، ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ތާރީޚަށް ބަލާއިރު، ފާހަގަކޮށްލެވޭ އެތައް އަންހެނުންނެއްގެ އިޚްލާޞްތެރި ޚިދުމަތްތަކެއް ޤައުމަށް ލިބިފައިވާ ކަމަށެވެ. މިއަދުގެ ޙާލަތަށް ބަލާއިރު ވެސް ވަޒީފާގެ މައިދާނުގަޔާއި، އާމްދަނީ ހޯދުމުގެ ދާއިރާގައި، ދެ ޖިންސުގެ ދެމެދުގައި އެއްވެސް ތަފާތުކުރުމެއް ފާހަގަ ނުކުރެވޭކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގައި އަދިވެސް ދަތިތަކަކާއި ހުރަސްތަކެއް އެބަހުރިކަން ޤަބޫލުކުރަންޖެހޭ ކަން ރައީސް ފާހަގަކުރެއްވިއެވެ. ޤައުމީ ތަރައްޤީގެ މުހިންމު ކަންކަމުގައި، އަދިވެސް އެކަށީގެންވާ މިންވަރަށް، އަންހެނުންނަށް ފުރުޞަތު ނުލިބޭކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުގެ ބަދަލުގެ ނަތީޖާއަކަށްވީ، އެއްވެސް ރަށެއް، އެއްވެސް ސިޓީއެއް އިސްތިސްނާ ނުވެ، ކޮންމެ ކައުންސިލެއްގައި ވެސް މެންބަރުންގެ 33 އިންސައްތައަކީ، އަންހެނުން ކަމުގައި ވެގެންދިޔުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ބަދަލާއެކު، ލޯކަލް ކައުންސިލް އިންތިޚާބުގައި، ޖުމްލަ 39.5 އިންސައްތަ ގޮނޑި އަންހެނުން ކާމިޔާބު ކޮށްފައިވާކަން ރައީސް ވިދާޅުވިއެވެ.
ދިވެހި ދައުލަތުގެ ފަރާތުން ރެހެންދި އެވޯޑުގެ ނަމުގައި އެވޯޑެއް ދިނުމުގެ މަޤްޞަދަކީ، އަންހެނުން ކުރާ މަސައްކަތްތަކާއި، ޙާޞިލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް، ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމެވެ. އަދި މިންތީ ތަފާތުތައް ނައްތާލައި، ދެޖިންސުގެ ދެމެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރާ، ވަކިވަކި ފަރުދުންނާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތްތައް ބަލައިގަނެ، ޤައުމީ ފެންވަރެއްގައި އަގު ވަޒަންކުރުމަކީ ވެސް ރެހެންދި އެވޯޑް ދިނުމުގެ ވަރަށް ބޮޑު ބޭނުމެކެވެ.