ގދ އަތޮޅުގެ ރަށެއްގައި ހަތަރު އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު ކުރެވޭ އެކުއްޖާގެ ބައްޕަ ބަންދުން ދޫކޮށްލުމަށްފަހު އޭނާ އަލުން ބަންދު ކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
ގދ އަތޮޅުގެ ރަށެއްގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް ފެންމަތިވެ އެކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހު ކުރީކޮޅުއެވެ. އެރަށު ކޯޓުން އޭނާ ދޫކޮށްލުމަށްފަހު ފަހުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަންގާފައެވެ. ނަމަވެސް ބަންދު މުރާޖައާ ކުރުމަށް އޭނާގެ ފަރާތުން އެދުމުން އޭގެ ދުވަސްކޮޅެއް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ.
އެގޮތުން ކޯޓުން އޭނާ ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ދަށުކޯޓުން އޭނާ ބަންދުކުރީ ދައުވާ ކުރެވޭ މިންވަރަށް އޭނާއާ ދެކޮޅަށް ހެކި ލިބިފައިވާތީ ކަމަށާއި، އެކަންކަމަށް މިހާތަނަށް އަދި ބަދަލެއް އައިސްފައި ނުވާކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްފައިވަނީ ބަންދު މުރާޖާ ނުކުރާތާ ގިނަ ދުވަސްވެފައިވާތީ ކަމަށް ދަށު ކޯޓުން ބުނެފައިވިޔަސް، އެއީ މީހަކު ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނޫންކަމަށް ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވެއެވެ.
ހައިކޯޓުގައި އެމައްސަލަ ބެެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އޭނާ ދޫކޮށްލަން ކުރި އަމުރު ބާތިލް ކުރުމާއެކު، އެނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމި ނިންމުން ދެމިއެބައޮތް ކަމަށެވެ.
އެމައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއުއެވެ.