ލާމަރުކަޒުކޮށް ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ކައުންސިލްތަކުން އެއްބާރުލުން ބޭނުވާކަމަށާއި، އަދި ލާމަރުކަޒީ ތަރައްޤީ ގެނައުމަށް ކައުންސިލްތަކުގެ އެއްބާރުލުން ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގަންނަވައިފިއެވެ.
ށ. ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވާ ގޮތުގައި، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ގިނަ ބާރުތަކަކާއި އިހްތިޔާރު ތަކެއް ލިބިފައިވާކަމަށާއި، އެ ބާރުތަކުގެ ފުރިހަމަ ބޭނުން ހިފައި ރަށު ތަރައްގީއަށް މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
އުތުރުގެ ބައެއް ރަށްތަކަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި ށ. ފުނަދޫ އަށް ވަޑައިގެން ރައީސް ވަނީ އެރަށު ކައުންސިލާއި ވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ ވިސްނުމަކީ ފުނަދޫ އަކީ ށ. އަތޮޅުގެ މަރުކަޒެއްގެ ގޮތުގައި ހެދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮވިޑްގެ ބަލިމަޑުކަމާހުރެ ވަރަށް ގިނަ ރަށްތަކެއްގައި ކުރިޔަށްގެންދިޔަ ޕްރޮޖެކްޓްތައް މަޑުޖައްސާލަން ނުވަތަ ފަސްކޮށްލަން ޖެހުނު ނަމަވެސް މިހާރު ރާއްޖޭގެ އިގްތިސޯދީ ހާލަތު އަލުން ރަނގަޅުވާން ފަށާފައިވާތީ ޕްރޮޖެކްޓްތައް އަލުން ފަށައިގަނެވޭ ގޮތްވެފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.