ބޮޑެތި ބާރުތަކަކާއި ޒިންމާތަކެއް މަތިކޮށްފައިވާ، ރާއްޖޭގެ ފުރަތަމަ އިންތިޚާބީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރަ އަންނަ ޖެނުއަރީ މަހުން ފެށިގެން ބޮޑުވެގެންދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އުތުރަށް ކުރަވއްވާ ދަތުރުފުޅެއްގައި، ށ. ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ރައިސް ވިދާޅުވެފައިވާގޮތުގައި ޖެނުއަރީ މަހުން ފެށިގެން އަންހެނުންގެ ކޮމިޓީގެ މުސާރަތައް ބޮޑުކުރެވިގެން ދާނެއެވެ. އެ ރަށުގައި ހިނގާ މަޝްރޫއުތަކުގެ ތަފްސީލްތައް ދީ ރައްޔިތުން ބޭނުންވާ ކަންކަން ކައުންސިލުގެ ފަރާތުން ހުށަހެޅުމަށް ފަހު، އަންހެނުންގެ ކޮމިޓީން އެދުނު އެއް ކަމަކީ، މިހާރު ދެމުން އަންނަ މުސާރަ އާއި އެލަވަންސް އިތުރުކޮށްދިނުމެވެ.
އެއީ ސަރުކާރުން ވިސްނައި ވަރަށް އަވަހަށް އަމަލުކުރަން ފަށަން ނިންމާފައި އޮތް ކަމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ޔަގީންކަން ދެއްވި ގޮތުގައި ކޮމިޓީތަކަށް މިހާރު ދެމުން އަންނަ މުސާރަ އާއި އެލަވަންސަށް ވުރެން ދެގުނަ ބޮޑުވާ ގޮތަށް އޮތް މުސާރައިގެ އޮނިގަނޑަށް ޖެނުއަރީން ފެށިގެން އަމަލުކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަންހެނުންގެ ކޮމިޓީތަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މިހާރު ލިބެނީ ޖުމްލަ 3،000ރ. އެވެ. އެކަމަކު މިހާރު ތައްޔާރުކޮށްފައިވާ މުސާރައިގެ އޮނިގަނޑު އޮތް ގޮތުން، އެ އަދަދު 6،000ރ. އަށް ބޮޑުވެގެން ދާނެއެވެ.